Back
Nov 23, 2025 SUN
SUN

މިސްރުގެ ފުލުހުންގެ ވެރިޔަކު މަރާލުމުގައި ބައިވެރިވި ބަޔަކު މަރަން ހުކުމްކޮށްފި

މިސްރުގެ ފުލުހުންގެ ވެރިޔަކު މަރާލުމުގައި ބައިވެރިވި ބަޔަކު މަރަން ހުކުމްކޮށްފި
Lead photo

ގާހިރާ (އޮގަސްޓް 8): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީއަށް ތާއިދުކުރާ ބަޔަކު ދިން ހަމަލާތަކެއްގައި އެ ގައުމުގެ އިސް ފުލުހަކު މަރުވި މައްސަލާގައި 21 މީހަކު މަރަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކުރީ 2013 ވަނަ އަހަރު މިސްރުގެ މިންޔާ ޕްރޮވިންސުގައި ހުރި ޕޮލިސް ސްޓޭޝަނަކަށް މުސްލިމް ބްރަދަހުޑްގެ މެމްބަރުންތަކެއް ވަދެ، ސްޓޭޝަނުގެ ވެރިޔާ މަރާލުމާ ގުޅިގެންނެވެ. ބްރަދަހުޑުން އެ ހަމަލާ ދިނީ ގައުމުގެ އަސްކަރިއްޔާއިން މުރްސީގެ ވެރިކަން ވައްޓާލައި، އޭނާއަށް ތާއިދު ކުރާ ފަރާތްތައް ހައްޔަރު ކުރަން ފެށުމުންނެވެ.

އެ ހާދިސާއާ ގުޅިގެން 12 މީހަކު މަރަން ހުކުމް ކުރުމުގެ އިތުރުން ކޯޓުން ވަނީ އިތުރު 140 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ހައްޔަރު ކުރި 238 މީހަކު ވަނީ ދޫކޮށްލާފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޫރްސީގެ މައްޗަށް ވަނީ ޖާސޫސު ކުރިކަމާއި، މުޒާހަރާ ކުރި ބަޔަކު މަރާލި ކަމުގެ ކުށުގައި މަރަން ހުކުމްކޮށްފަ އެވެ.

ޑިމޮކްރަޓިކް އިންތިހާބެއް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސުގެ ގޮތުގައި 2012 ވަނަ އަހަރު މޫރުސީ ވެރިކަމަށް ވަޑައިގެންނެވިތާ އެއް އަހަރު ތެރޭ އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، އެގައުމުގެ އަސްކަރިއްޔާ އިން އޭނާ ވެރިކަމުން ދުރުކުރި އެވެ. އަދި އަސްކަރިއްޔާގެ ވެރިޔާ އަބްދުލް ފައްތާހު އައް ސީސީ ރައީސް ކަމަށް ވަޑައިގެން ބްރަދަހުޑަކީ މަނާ ޖަމްއިއްޔާއެއް ކަަމަށް ނިންމެވި އެވެ.

އޭގެ ފަހުން މުރްސީގެ މައްޗަށް ވަނީ ކޮރަޕްޝަނާއި، ޖާސޫސު ކުރުމާއި، މުޒާހަރާ ކުރި ބަޔަކު މެރުމުގެ ކުށުގައި މަރަށް ހުކުމްކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިސްރުގެ އެންމެ މަތީ ކޯޓުން ވަނީ އެހުކުމް ބާތިލުކޮށް، މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ބާއްވަން އަމުރުކޮށްފަ އެވެ. (ބީބީސީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics