ރާއްޖެ އަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކުރުމުގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި 17 މީހަކު ހައްޔަރުކޮށް، ގިނަ އަދަދެއްގެ ވަގު ލިޔެކިޔުންތަކާއި 4000 އަށް ވުރެ ގިނަ ޕާސްޕޯޓް އަތުލައިގެންފި އެވެ.

ދައުލަތުން އަންގައިގެން މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފުލުހުން ފެށި ބިދޭސީންނާ ގުޅޭ އޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ މުހައްމަދު ރިޔާޒް މިރޭ ވިދާޅުވީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 12 ބިދޭސީއަކާއި ފަސް ދިވެހިން ކަމަށެވެ. އެ އެންމެންނަކީ ވެސް މި އޮޕަރޭޝަނުގައި ފުލުހުން ބަލައި ފާސްކުރި 18 ކުންފުންޏެއްގެ ތެރެއިން ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށްފައިވާ ހަތް ތަނަކާ ގުޅުން ހުރި ބަޔަކު ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހަތް ކުންފުނިން ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ 4000 އަށް ވުރެ ބިދޭސީންގެ ޕާސްޕޯޓް އަތުލައިގެންފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އޭގެ ތެރެއިން 3000 އަށް ވުރެ ގިނަ ޕާސްޕޯޓް ހޯދާފައި ވަނީ އޯޒޯން އިންވެސްޓްމަންޓާއި އެރިސްކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ދެ ކުންފުންޏަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ދެތަނުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ މެދުގައި ގުޅުން އޮންނަ ކަމުގެ ހެކިތައް ހޯދިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެން ބެލިބެލުމުން އެ ޕާސްޕޯޓްތަކަކީ ފޯޖްކޮށްފައި ހުރި ތަކެތި ކަމަށް ނުބެލެވޭ. ހަމަ ސައްހަ ޕާސްޕޯޓްކަމަށް ބެލެވެނީ،" ރިޔާޒް ވިދާޅުވި އެވެ.

އަދި އެ ޕާސްޕޯޓްތަކުގައިވާ ބިދޭސީންނަކީ މިހާރު ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބައެއްތޯ ބެލުމަށް އިމިގްރޭޝަން ޑޭޓާބޭސްއާ އަޅައިކިޔަމުންދާ ކަމަށް ވެސް ފުލުހުންގެ އިންސްޕެކްޓާ ވިދާޅުވި އެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކުރުމަށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ވަގު ޑޮކިއުމެންޓްތައް ވެސް ފުލުހުން ވަނީ އެތަންތަނުން ހޯދައިފަ އެވެ. އޭގެ ތެރޭގައި ކޯޓޭޝަން ހޯދުމަށް ހުށަހަޅައިފައިވާ ސައްހަ ނޫން ލިޔެކިޔުންތަކާއި ބިދޭސީން އެތެރެކުރުމަށް އެކި ނަންނަމުގައި ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓްތަކުގެ ލިޔެކިޔުންތަކާއި އަސްލު ނޫން އައިޑީ ކާޑުތަކުގެ ކޮޕީ ހިމެނެ އެވެ.

އެ ހަތް ތަނުން ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 70 ލޯކަލް އިންވެސްޓްމަންޓް ފާހަގަކުރެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެފަދަ ގިނަ ކުންފުނިތަކުގެ އޮފީސްތަކެއް ވެސް ނުހުންނަ ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

ރިޔާޒް މިއަދު ވިދާޅުވީ، ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކުރާ ފަރާތްތަކުން އެކަން ކުރަމުންދަނީ މާލީ ފައިދާ ހޯދުމަށްޓަކައި ކަމަށެވެ. އެތެރެކުރާ ކޮންމެ ބިދޭސީއަކަށް 2000 ޑޮލަރު އެފަރާތްތަކަށް ލިބޭ ކަމަށްވެ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ އިތުރުން އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ މުވައްޒަފުންތަކަށް ތުހުމަތުކުރެވި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސުވާލުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމުގައި ފުލުހުން ބުންޏެވެ.

ރިޔާޒް ވިދާޅުވީ، އެ މުވައްޒަފުންގެ މައްސަލަތައް ތަހުގީގުކުރަމުންދާއިރު، އެއީ އެމީހުން "ގަސްތުގައި ކޮށްފައިވާ ކަމެއްތޯ ނުވަތަ އިހުމާލުންވެފައިވާ" ކަމެއްތޯ ބަލާނެ ކަމަށެވެ.

އަދި ޑިޕޮސިޓް ފައިސާ އަސްލު ނުދައްކައި ހަތަރު ބިދޭސީއަކު، އެ ފައިސާ ދައްކާފައިވާ ކަމަށް ދޭހަވާގޮތަށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރި މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ވެސް ފުލުހުން އަންނަނީ އިތުރަށް ސާފުކުރަމުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. ނަމަވެސް، އެމައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މީގެ ކުރިން ޑިޕޮސިޓް ފައިސާ އޮޅުވައިލައިގެން ނެގި އިމިގްރޭޝަނުގެ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އަދި ހިއުމަން ރިސޯސްގެ އިސް މުވައްޒަފަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ބުނާ ގޮތުގައި، ރާއްޖެއަށް ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކުރުމުގައި ފުޅާ ދާއިރާއެއްގައި ބިދޭސީން ވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި ވިޔަފާރިކުރާ ބައެއް ފަރާތްތަކުގެ މެދުގައި ގުޅުން އޮންނަ ކަމަށް ފެންނާތީ، މފަދަ ވިޔަފާރިކުރާ ނެޓްވޯކްތަކެއް އުޅޭ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.