ރާއްޖެ އައުމަށްފަހު ޕްރައިވެޓު ޖެޓުގައި ރާއްޖެއިން ބޭރަށް ނުފުރުމުން، ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އެމިރޭޓްސްގެ ފްލައިޓެއްގައި ރާއްޖެއިން ފުރައިފިއެވެ.

ބ. އަތޮޅު ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އައި ލިއޮނާޑޯ ޑިކެޕްރިއޯ އެނބުރި ލަންޑަނަށް ދިއުމަށް ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން، އޭނާއަށް ފުރޭގޮތެއް ނުވިއެވެ.

ސަބަބަކީ އޭނާގެ ޕްރައިވެޓް ޖެޓަށް މައްސަލައެއް ޖެހުމެވެ. ޖެޓަށް މައްސަލަ ޖެހުމުން އޭނާ ވަނީ އެހެން އެއާލައިނަކުން ފުރޭ ގޮތް ވޭތޯ ބަލައިފައެވެ. ބޭރުގެ އެއާލައިންތަކުން ފުރުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާގެ މުޅި ޓީމަށް ޖާގަ ލިބޭގޮތް ނުވެ، ގިނަ އިރުތަކެއް ވަންދެން ވެލާނާ އެއާޕޯޓުގައި "ތާށިވެފައި" ހުންނަން ޖެހުނެވެ.

ސަންއާ ވާހަކަދެއްކި، މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ލިއޮނާޑޯއާއި އޭނާގެ ޓީމަށް އެންމެ ފަހުން ފުރަން ޖެހުނީ އެމިރޭޓްސްއިންނެވެ. އެ ފްލައިޓުގައި ގިނަ އަދަދެއްގެ އާންމުންނާއި ފަތުރުވެރިންވެސް ދަތުރުކުރިއެވެ.

މުޅި ދުނިޔެއަށް ވެސް މަޝްހޫރު މި ތަރީގެ 27 އަހަރުގެ ފިލްމީ ކެރިއަރުގައި 50 އެވޯޑަކާއި، 167 ނޮމިނޭޝަން މިހާތަނަށް ލިބިފައިވާ އިރު، ފިލްމީ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އޮސްކާ އެވޯޑެއް އޭނާއަށް ލިބުނީ ކެރިއަރުގެ 26 ވަނަ އަހަރު، 2016 ވަނަ އަހަރުގައެވެ. އޭނާއަށް އަހަރުގެ ބެސްޓް އެކްޓަރގެ އެވޯޑު ލިބުނީ ފިލްމު "ދަ ރެވެނަންޓް"އިންނެވެ.