ކޭޕް ޓައުން(އޮގަސްޓް 8): ދެކުނު އެފްރިކާގެ ރައީސް ޖެކަބް ޒޫމާ މަގާމުން ދުރު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދުު ސިއްރު ވޯޓެއް ނަގަން ނިންމައިފި އެވެ.

ޒޫމާގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ނަގާކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއުލާން ކުރެއްވީ އިދިކޮޅު ފަރާތްތަކުން އެމައްސަލަ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށަހެޅުމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ވޯޓު ސިއްރު ކުރުމުން ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)ގެ މެމްބަރުންވެސް ޒޫމާ މަގާމުން ވަކި ކުރުމަށް ވޯޓު ދޭނެ އެވެ.

ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ އެގައުމުގައި 1994 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ އޭއެންސީއަށެވެ. އަދި ޒޫމާއާ ދެކޮޅަށް ނަގާ ވޯޓު ކާމިޔާބު ވާން އޭއެންސީގެ 249 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ޒޫމާގެ މައްޗަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ނަގާފައިވެ އެވެ. ނަމަވެސް އެތިން ވޯޓުވެސް ވަނީ ނާކާމިޔާބުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ޒޫމާ މަގާމުން ދުރުކުރަން ބޭނުން ވަނީ އޭނާ ފުޅާދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މި ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައެއް ނުވެއެވެ. (ބީބީސީ)