ސްކޫލް މަދަރުސާތަކުގެ ހުރިހާ ގްރޭޑްތަކެއްގައި ކީރިތި ގުރްއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ހުށަހެޅުވި މި ގަރާރު މަޖިލީހަށް ބަލައިގެންފައި ވަނީ ޖަލްސާގައި އެވަގުތު ތިއްބެވި 61 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައި ނުގަތުމަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.

މި ގަރާރު ތަޅުމުން ބޭރުކޮށްލެއްވުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި، ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދާއި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރު ހިމެނިވަޑައިގަންނަވަ އެވެ.

މި ގަރާރު މަޖިލީހަށް ބަލައި ގަތުމުން އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީގެ ކޮމިޓީ އަށް ފޮނުވީ ކަމަށް ޖަލްސާގެ ރިޔާސަތުން ނިންމެވި އެވެ.

މި ގަރާރު ބަލައިގަތުމާ ބެހޭ ގޮތުން ކުރި ބަހުސްގައި ކުރިހާ މެންބަރުން އުސޫލެއްގެ ގޮތުން ގަރާރަށް ތާއީދު ކުރެއްވި ނަމަވެސް ގަރާރު އަނބުރާ ގެންދިއުމަށް ވެސް ބައެއް މެންބަރުން ގޮވައިލެއްވި އެވެ. ނަމަވެސް މި ގަރާރަކީ މުހިއްމު ގަރާރެއް ކަމަށާއި މި ގަރާރު ފާސްވުމުން ކީރިތި ގުރުއާން ކިޔެވުން ގައުމުގައި އިތުރުވެގެންދާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.