އަނިޔާވެރިގޮތަކަށް، ގައިގެ އެތަށް ތަނަކަށް ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، 25، މަރުގެ މައްސަލަ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންތަކެއް މަޖިލީހުގެ ތިން ކޮމެޓީއަކަށް ހުށަހަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އެ މެންބަރުން ސޮއިކޮށް އަނަސްގެ މަރުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށާއި ގައުމީ ސަލާމަތުގެ ކޮމެޓީ އަށާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެ މައްސަލަ ހުށަހެޅީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރުއެވެ.

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް އަނަސްގެ މައްސަލަ ހުށަހެޅީ މާރިޔާގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލްއެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އަނަސްގެ މަރުގެ މައްސަލް ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަންއެވެ.

ތިން ކޮމެޓީއަށް ވެސް މައްސަލަ ހުށަހަޅުއްވައި ފޮނުވި ސިޓީގައި ވަނީ އަނަސްގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އެކަމާއި ގުޅޭ މުއައްސަސާތަކާ ބައްދަލުކުރުމަށް މަޖިލިސް ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅާ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް ހުށަހަޅާފައިވާއިރު ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.