08 Aug 2017, 12:25
ރާއްޖޭގެ މިނިވަން މުއައްސަސާތަކުން އިސްކަން ދެނީ ގާނޫނު އަސާސީއާ އެއްގޮތަށް މަސައްކަތް ކުރުމަށްވުރެ ބޮޑަށް، ވަޒީފާއާއި އިނާޔަތްތަކާއި އަމިއްލަ ތަނަވަސްކަމަށް ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީއަށް ނުވަ އަހަރު ފުރުމާ ގުޅިގެން ރޭ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ސުއޫދު ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރަކުން ގާނޫނުއަސާސީ ހިމާޔަތްކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ. ފަނޑިޔާރުގެ އާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަރަށް ބޮޑަށް ސުއޫދު ފާޑު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން މިނިވަން މުއައްސަސާތަކެއް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ވެރިކަން ޑިކްޓޭޓަޝިޕަކަށް ވިޔަ ނުދިނުމަށް ކަމަށެވެ.
"މުއައްސަސާތައް ކަނޑައެޅީ ދިވެހި ރާއްޖޭގައި ޑިކްޓޭޓަރޝިޕަކަށް ފުރުސަތު ނުދިނުމަށް، ފާރަވެރިވާނެ ފަރާތްތަކެއް ގާއިމުކުރަން. މިއަދު ކަން ވެފައި އޮތީ އެއާ އިދިކޮޅަށް،" މަޝްހޫރު ގާނޫނީ ވަކީލު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން---- ސަން ފޮޓޯ/ ފަޔާޒު މޫސަ
ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް މަސައްކަތް ކުރެއްވި ސުއޫދު ވަނީ، އެކިއެކި މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަމުންދާ ގޮތަށް ވަކިވަކިން އަލި އަޅުއްވާލައްވައި، ފާޑު ވިދާޅުވެފައެވެ. ވަކި ބަޔަކާ ދެކޮޅަށް އަމާޒުކޮށް މުއައްސަސާތަކުން ކަންކަން ކުރާ ކަމަށް ފާހަގަކޮށް، ސުއޫދު ވިދާޅުވީ ގާނޫނުއަސާސީ ރަނގަޅަށް ހިނގަމުން ނުދަނީ އެ ގާނޫނު އަސާސީއަށް ދެވޭ އެފަދަ "ހަމަލާ"ތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ މިނިވަންކަމާ މެދު ޝައްކާ ސުވާލު އުފެދޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިނިވަން މުއައްސަސާތަކުގެ ވެރިން މަސައްކަތް ކުރަނީ އަމިއްލަ ވަޒީފާ އާއި އިނާޔަތްތަކާއި ކުރިއެރުމާއި ތަނަވަސް ކަމަށް. ދިވެހި ރައްޔިތުންނަށް އެއްވެސް މަސައްކަތެއް ކޮށްދޭން ބޭނުމެއް ނޫން. ގާނޫނު އަސާސީ ދިފާއުކުރަން ބޭނުމެއް ނުވޭ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގައި އެޅުނު އެންމެ ބޮޑު "ލޯވަޅަކީ" ރައްޔިތުންގެ މަޖިލީހަށް މިހާރު ހަދާފައި އޮތް ގޮތް ކަަމަށެވެ. މަޖިލިސް ހުއްޓުވައި، މަޖިލިސް ހިނގައިނުގަނެވިފައި ބޭއްވުމަކީ ގާނޫނުއަސާސީއަށް ދެވޭ ގެއްލުމެއް ކަމަށް ސުއޫދު ސިފަ ކުރެއްވި އެވެ.