08 Aug 2017, 11:30
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލު ކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
ލަތީފުގެ މައްސަލަ މާދަމާ 10:15 އަށް ތާވަލުކޮށްފައިވާއިރު އަމީތުގެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ 1:15 އަށެވެ.
އެ ދެ މެމްބަރުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންވެސް ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލަ ބާތިލު ކޮށްދިނުމަށް ހުށަހަޅައިފައެވެ.
އެމައްސަލަ މިއަދު ދެ ގަނޑިއަކަށް ތާވަލުކުރެވިގެން ކުރިއަށް އެބަދެ އެވެ.
ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ހަވާލާދީ އެވެ. އެއީ ޕާޓީ ބަދަލު ކުރާ މެމްބަރުން މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ ހަތަރު މެމްބަރުންވެސް ވަނީ ޕީޕީއެމުން ވަކިވުމަށް ހުށަހަޅައިފައެވެ.
ގޮނޑި ގެއްލުނު ކަމަށް ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އެ ބޭފުޅުންނަށް ތިއްބެވޭނެ ކަމަށް އަމުރު ކޮށްދިނުމަށް އެދި އެވެ.