ސޯލް(އޮގަސްޓް 8): އުތުރު ކޮރެއާއާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބަދަލު ހިފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފި އެވެ.

އުތުރު ކޮރެއާގެ ނޫސް އޭޖެންސީ ކޭސީއެންއޭއިން ވަނީ އެމެރިކާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިގެން، އެމަޖިލީހުން ފާސް ކުރި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އުތުރު ކޮރެއާގެ "ސިޔާދަތަށް އަރައިގަތުން" ކަމުގައި ސިފަކޮށްފައެވެ. އަދި އެމެރިކާ ލައްވާ އޭގެ އަގު އަދާ ކުރުވާނެ ކަމަށް ބުނެފައެވެ.

އުތުރު ކޮރެއާގެ ތަރުޖަމާނު ބަންގް ކުވަންގް ހުޔުކް ވިދާޅުވި ގޮތުގައި އެމެރިކާއިން ދަނީ އެމައްސަލަ އިތުރަށް ގޯސްކުރަމުންނެވެ. އަދި އދން ފިޔަވަޅު އެޅި ނަމަވެސް އެގައުމުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާ ނުކުރާނެ ކަމަށް ހުޔުކް ވިދާޅުވި އެވެ.

މިދިޔަ މަހު ދެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފައިވާ އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅީ ސަލާމަތީ މަޖިލީހުގެ އިއްތިފާގުންނެވެ. އަދި އެފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާއަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ. (ބީބީސީ)