07 Aug 2017, 22:29
ގައުމީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތި) ހަމަޖައްސައިފިއެވެ.
ސާންތި އެ މަގާމަށް ހަމަޖައްސާފައިވަނީ މިއަދުއެވެ.
އެފްއޭއެމުން ބުނީ ސާންތީއާ ގައުމީ 19 އަހަރުން ދަށުގެ ޓީމް ހަވާލުކުރެވުނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. ސާންތި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހަމަޖެއްސިއިރު އޭނާ ކޯޗްކަން ކޮށްދިން އީގަލްސް ވަނީ މި އަހަރުގެ ޕްރިމިއާ ލީގަށް ކޮލިފައިނުވެ ސީޒަން ނިންމާލާފަ އެވެ.
ސާންތި ހެޑް ކޯޗަކަށް ހަމަޖެއްސިއިރު 19 އަހަރުން ދަށުގެ ޓީމުގައި މިހާރު ވެސް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އީގަލްސްގައި ވެސް އޭނާގެ ބަދަލެއް ގޮތުގައި ހަރަކާތްތެރިވާ އަހުމަދު ޝާކިރު (ޝާކިއްޓެ)އެވެ.
މި އަހަރު 19 އަހަރުން ދަށުގެ ޓީމް އަންނަ މަހު ފަށާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައި ވާދަކުރާނެއެވެ. އަދި އެ އަށް ފަހު 19 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވެސް ވާދަކުރާނެއެވެ.
ސާންތިއަކީ މިދިޔަ އަހަރު ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ޕްރެޒިޑެންސް ކާމިޔާބު ކުރި ތަޖުރިބާކާރު ކޯޗެކެވެ. މި އަހަރު މާލޭ ލީގުގެ ފަހު މެޗަށް ފަހު ދެން އީގަލްސް އިން ނުފެންނާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ކޮށްފައެވެ.