ގދ. ހޯޑެއްދޫގެ ޖެޓީ ސަރަހައްދުގައި އިންދައިފައި ހުރި ރުށްގަސްތަކަށް ސިލްސިލާކޮށް ބަޔަކު ގެއްލުންދީ، އެ ރުށްތައް ކަނޑައި ވައްޓާލަމުންދާ މައްސަލަ ބޮޑުވެއްޖެ އެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޝްރަފް ވިދާޅުވީ، ޖޭޓީ ސަރަހައްދުގައި އިންދާފައި ހުރި ހަތަރު ރުކެއް އެކިރޭމަތިން، ކަނޑައި ވައްޓާލައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ރުށްތައް ކަނޑާލައިފަ ހުއްޓައި ފެނުނީ މިމަހުގެ އެއް ވަނަ ދުވަހު ކަމާށާއި އެފަހުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭވެސް ބައެއް ރުށްތައް ކަނޑާލައިފަ ހުއްޓާ ފެނިފައިވާ ކަމަށެވެ. ނަމަވެސް، އެކަން ކުރަނީ ކޮން ބަޔެއްކަން މިހާތަނަށް ހޯދިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކެނޑިބަޔަކު ނޭގިގެން މިއުޅެނީ. އެކަމަކު އެއީ ސިލްސިލާކޮށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް މި ބެލެވެނީ. މިހާރު ހަތަރު ރުކެއް ކަނޑާ ވައްޓާލައިފި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މި މައްސަލަ ކައުންސިލުން ވަނީ ވަރަށް ސީރިއަސްކޮށް ބަލަން ފަށައިފަ އެވެ. ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރުށްތަކަށް ގެއްލުން ދޭ ކަމަށް ލަފާކުރެވޭނީ ކައުންސިލުން އެރުށްތަކާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ބަޔަކު އެ ރުށްތައް ބޭނުން ނުކުރުމަށް ކައުންސިލުން އިއުލާންކޮށްފައިވާ ނަމަވެސް، ބަޔަކު އެރުށްތަކުގެ ބޭނުންކުރަމުންދާތީ އެވެ. އެ ރުށްތަކުގެ ބޭނުންކުރަމުންދަނީ އެ ރުށްތަކުގެ ވެރިފަރާތް ކަމަށް ދައުވާ ކުރާ ދެމީހަކު ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.