07 Aug 2017, 16:45
އަލްހާ އީދު ފާހަގަކުރުމުގެ ގޮތުން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގަމު ރިއަލް އައިލެންޑް ސޮސައިޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތަކީ މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
އާދިއްތަ ދުވަހުގެ ރޭ ސީގަލް ކެފޭގައި ބޭއްވި ކުރު ހަފްލާއެއްގައި މެއިން ސްޕޮންސަރުގެ އެއްބަސްވުމުގައި ސްނޯ އިސްވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހަބީބެވެ. އަދި ރިއަލް އައިލެންޑް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ސުޖާއު އާއި ބޯޑު މެމްބަރު މޫސާ ހަމްދީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސްނޯ އިންވެސްޓްމެންޓްގެ ޗެއާމަން މުހައްމަދު ޙަބީބު ވިދާޅުވީ، އެ ކުންފުންޏަކީ ކުޅިވަރާއި ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ފަރާތެއް ކަމަށެވެ.
ރިއަލް އައިލެންޑް ސޮސައިޓީގެ ފަރާތުން އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ސުޖާއު ވިދާޅުވީ، އެ މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ސްނޯ އިންވެސްޓްމެންޓްގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އެ މުބާރާތަކީ އަތޮޅު ތެރޭގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މުބާރާތަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ސުޖާއު ވިދާޅުވީ އެ މުބާރާތަކީ މިއަހަރު ލ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ނަމަވެސް އަންނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.
އެ މުބާރާތުގެ ސްޕޮންސަރުގެ ގޮތުގައި ސްނޯ އިންވެސްޓްމެންޓްގެ ފަރާތުން ފޯރުކޮށްދީފައި ވަނީ އެ ކުންފުނިން މުޅިން އަލަށް ދިވެހި މާކެޓަށް ނެރުނު ތިން ވައްތަރެއްގެ ސޮފްޓް ޑްރިންކެވެ. އެއީ ޑރ. ތަންހް ހާބަލް ޑްރިންކާއި ޒީރޯ ޑިގްރީ ލެމަން ގްރީން ޓީ އަދި ނަމްބަރ ވަން އެކްޓިވް ލެމަން އައިސޯޓޮނިކް ޑްރިންކެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.