07 Aug 2017, 16:48
މޮރިޓޭނިއާ(އޮގަސްޓް 7): ހުޅަނގު އެފްރިކާގެ މޮރިޓޭނިއާގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ އުވާލަން ނިންމައިފިއެވެ.
މޮރިޓޭނިއާގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 53.73 ޕަސެންޓް މީހުން އެވޯޓުގައި ބައިވެރިވި އިރު، އޭގެ ތެރެއިން 85 ޕަސެންޓް މީހުން ވަނީ ސެނެޓު އުވާލަން ވޯޓު ދީފައެވެ.
މޮރިޓޭނިއާގެ ރައީސް މުހައްމަދު ވަލްދް އަބްދުލް އަޒީޒް އެ ރެފަރެންޑަމް އިއުލާން ކުރެއްވީ ގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް އެގައުމުގެ ސެނެޓުން ދެކޮޅު ހެދުމުންނެވެ. ރައީސް އަބްދުލް އަޒީޒް ވަނީ ސެނެޓަކީ "ބޭނުމެއް ނެތް، ހަރަދު ބޮޑު" ތަނެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެ ރެފަރެންޑަމްގެ މަގުސަދަކީ ރައީސް އަބްދުލް އަޒީޒްގެ ދައުރު އިތުރު ކުރުން ކަމަށް ވިދާޅުވެފައެވެ. ދެހާސްއަށް ވަނަ އަހަރު ބަޣާވާތަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުލް އަޒީޒު ވަނީ ދެ ދައުރު ފުރިހަމަ ކުރައްވައިފައެވެ. އަދި އޭނާ ތިން ވަނަ ދައުރަކަށް ކުރިމަތިލުން ގާނޫނު އަސާސީން މަނާ ކުރެއެވެ.
އެ ރެފަރެންޑަމްގައި ވަނީ ސެނެޓު އުވާލުމުގެ އިތުރުން ގައުމީ ދިދަ ބަދަލުކުރަން ވެސް އަހައިފައެވެ. އަދި މޮރިޓޭނިއާގެ ރައްޔިތުން ވަނީ ދިދަ ބަދަލު ކުރުމަށް އާނ ބަސް ބުނެފައެވެ. އެވޯޓަށް ފަހު އެގައުމުގެ ދިދައަށް ރަތް ކުލައިގެ ދެ ލައިން އިތުރު ކުރާނެއެވެ. އެ ދެ ލައިން ރަމްޒު ކޮށްދޭނީ މޮރިޓޭނިއާގެ މިނިވަން ކަމަށް ހަނގުރާމަ ކުރި ޝަހީދުންގެ ގައިން އޮހޮރުނު ލެއެވެ. (ބީބީސީ)