ރ. އަތޮޅު އުނގޫފާރުގައި ތާރު އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ރ. މީދޫގެ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ނިމުމާ ކައިރި ވެފައިވާ ކަމަށް އެމްއާރުޑީސީން ބުނެފިއެވެ.

އެމްއާރުޑީސީން ބުނީ އުނގޫފާރުގައި މިހާރު ކުރަމުން ދަނީ މަގު ލެވެލްކުރުމުގެ މަސައްކަތާއި، ތާރުއެޅުމުގެ ކުރިން ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްކަމަށެވެ.

ރ. އުނގޫފާރުގައި ތާރު އަޅަން ފެށުމުގެ ކުރިން އެންމެ ފަހުގެ ތައްޔާރީތައް ވަނީ --- ފޮޓޯ: އެމްއާރުޑީސީ

ހައުސިން މިނިސްޓްރީން އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ އުނގޫފާރުގެ 14 މަގެއްގައި ތާރު އެޅުމަށެވެ. ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގެ ދިގުމިނުގައި 3.2 ކިލޯ މީޓަރު ހުންނާނެ ކަމަށް ވެސް އެމްއާރުޑީސީން ބުނެއެވެ.

ޖުމްލަ 32،609188.92 ރ. ހަރުދުކޮށްގެން ހިންގާ އެ މަސްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ 25ގެ ކުރިން ނިންމަން ޖެހެއެވެ.

މީދޫގައި ގާ އެތުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު ކުރަމުންދަނީ ބަނދަރު މަގާއި، ބޮޑު މަގުގައި ގާ އެތުރުމުގެ މަސައްކަތެވެ. ބަނދަރު މަގުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ބޮޑު މަގުގެ 70 އިއްސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއާރުޑީސީން ބުނެއެވެ.

ރ. މީދޫގައި ގާ އެތުރުމުގެ މަސައްކަތް ކުރަމުން ދަނީ --- ފޮޓޯ: އެމްއާރުޑީސީ

މީދޫގެ 8 މަގެއް ޒަމާނީ ފެންވަރަށް ހަދާއިރު އެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ޚަރަދަކުރަނީ 30،616،328.46 ރ. އެވެ. އެއްބަސްވުމުގައި ވާގޮތުން މިއަހަރުގެ ނޮވެމްބަރ 20ގައި އެ މަސަތްކަތް ނިންމަން ޖެހެއެވެ.