މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ލީޑާޝިޕް ދައްކުވައި، ލަނޑުތައް އިތުރުކޮށްގެން ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނިދާނެ ކަމަށް އެ ކްލަބަށް ކުރިން ކުޅުނު ކުއިޓަން ފޯޗޫން ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ރެކޯޑު އަގަކަށް ޔުވެންޓަސްއިން ޔުނައިޓެޑާ ގުޅުނު ޕޮގްބާ އެޓީމާ ގުޅުނު ހިސާބުން ގިނަ ބަޔަކު އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިދާނެ ކަމަށް އުންމީދުކުރިއެވެ. މިދިޔަ ސީޒަނުގައި ޕޮގްބާ ވަނީ ޔުނައިޓެޑަށް ތިން މުބާރާތް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދީފައެވެ.

މި ސީޒަނުގައި ހޯސޭ މޮރީނިއޯ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރާ ޔުނައިޓެޑަށް ޕޮގްބާއަކީ ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް ޔުނައިޓެޑަށް 1999އިން ފެށިގެން 2006ގެ ނިޔަލަށް ކުޅުނު ފޯޗޫން ގަބޫލުކުރެއެވެ.

"ޕޮގްބާ ކުޅުން ވަރަށް ރަނގަޅު. މި ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ ހިމެނިދާނެ. ޕޮގްބާގެ ވެސް އެކަމަށް އުންމީދުކުރާނެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނުމަށް ޕޮގްބާ ގޯލު ޖެހުން އިތުރު ކޮށްލަންޖެހޭ،" އޭނާ ބުންޏެވެ.

ފޯޗޫން ބުނީ، ޕޮގްބާ އެ ކްލަބަށް ހޭނިއްޖެ ކަމަށާއި މިދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ކުޅުމުން އެކަން އެނގިގެންދާ ކަމަށެވެ. އަދި ޕްރީ ސީޒަން މެޗުތަކުގައި ވެސް ޕޮގްބާގެ ކުޅުން ފާހަގަކޮށްލެވޭ ކަމަށް އޭނާ ބުންޏެވެ.