ގދ. ހޯޑެއްދޫ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އެ ރަށުގެ ކައުންސިލުން ބައެއް ރައްޔިތުންނާ އެކު ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަކަށް މިރުސް ދުން އެޅި ދަޅެއް އެއްލައިފި އެވެ.

އެ ކައުންސިލްގެ ރައީސް މުހައްމަދު އަޝްރަފް ވިދާޅުވީ، ރޭ ސްކޫލުގެ ހޯލް ތެރޭ ރަށު ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުން ކުރިއަށްދަނިކޮށް މިރުސް ދުން އަޅައިފަ ހުރި، ދެ ދަޅެއް ހޯލް ތެރެއަށް އެއްލައިލި ކަމަށެވެ. އެ ދަޅުތައް އެއްލީ ސްކޫލް ފާރުމަތިން އެރި ބަޔަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންނާއި ސަރުކާރު އޮފީސްތަކާއި އަމިއްލަ ކްލަބް ޖަމިއްޔާތަކާއި ވީހާ ގިނަ ބަޔަކު ބައިވެރިކޮށް ބޭއްވި ޖަލްސާއެއް އެއީ. އެ ޖަލްސާކުރަން ހޯލްގައި ތިއްބައި، ސްކޫލް ފާރުމަތިން ފުއްމާލައިގެން އައި ބަޔަކު ދަޅުތަކަކަށް މިރުސް އަޅައިގެން އެއްލައިލީ،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަހުން ބައްދަލުވުން ކުރިއަށް ގެންދިޔައީ ސްކޫލްގެ ކޮމްޕިއުޓާ ލެބް ތެރޭގައި ކަމަށެވެ. އަދި ވަރަށް ކާމިޔާބުކަމާ އެކު ބައްދަލުވުން ނިންމާލެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯޑެއްދޫ ކައުންސިލްގައި ހިމެނެނީ ޑީއާރުޕީގެ ތިން މެމްބަރުންނާއި އެމްޑީޕީގެ ދެ މެމްބަރެކެވެ.