07 Aug 2017, 17:00
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން އަހަރު ދުވަހުގެ ހިލަވެލި ރައްކާކޮށްފައި ބަހައްޓަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސައިމަން "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު ކުރިއަށް އޮތް ތިން އަހަރަށް ބޭނުންވާ ހިލައާއި ހިލަވެލި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައްކާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަބަދުވެސް ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ކޮންމެ ތިން މަސްދުވަހަކަށް ބޭނުންވާ ވަރަށް ހިލައާއި ހިލަވެލި ދުރާލައި ރައްކާކުރަން ހަމަޖައްސާފައިވާ ކަމަށް ސައިމަން ވިދާޅުވިއެވެ.
"މީގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް މާބޮޑު ގޮންޖެހުންތަކެއް ނުލިބޭނެ. މާކެޓު ސްޓެބިލައިޒް ކުރެވޭނެ މިހެންވީމަ. ފޯކާސްޓު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު މިދާއިރާގެ ތަކެތީގެ އަގު އުފުލިގެންދާނެ،" ސައިމަން ވިދާޅުވިއެވެ.
ހުޅުމާލެއަކީ ރާއްޖޭގައި މިހާރު އެންމެ ބާރު މިނުގައި ތަރައްގީވަމުން އަންނަ އެއް ތަނެވެ. ކޮންސްޓްރަކްޝަން ދާއިރާގެ ބޮޑެތި މަސައްކަތްތައް ކުރަމުންދާ މާލޭގެ އެ އަވަށުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިންމައި މިހާރު ވަނީ ބައެއް މަގުތައް ހެދުމުގެ މަސައްކަތްވެސް ފަށައިފައެވެ. އަދި ބައެއް އިމާރާތްތައް އެޅުމުގެ ފުރަތަމަ މަރުހަލާތައްވެސް މިހާރު ދަނީ ކުރިއަށެވެ.
އެގޮތުން 7000 ހައުސިން ޔުނިޓުގެ 25 ބުރީގެ 16 ޓަވަރާއި އޮފީސް އިމާރާތެއްގެ ގޮތުގައި އިމާރާތް ކުރާ 25 ބުރީގެ ޓަވަރުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ސައިމަން ވިދާޅުވި ގޮތުގައި ދުރާލައި ރައްކާކުރުމަށް ހިލައާއި ހިލަވެލި ރާއްޖެ ގެންނަން ހަމަޖައްސާފައިވަނީ ސިންގަޕޫރު ކުންފުންޏެއް މެދުވެރިކޮށް، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ކެމްބޯޑިއާ އިންނެވެ. އަދި އެތަކެތި ރައްކާކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި މިވަގުތު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭނުން ކުރުމަށް ގެނެސްފައިވާ 60 ޓަނުގެ ހިލައާއި ހިލަވެހި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް އާންމުކޮށް ހިލައާއި ހިލަވެލި ގެންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. ސަރުކާރުން މި ގޮތަށް ނިންމީ ކުރިއަށް އޮތްތަނުގައި ހިލައާއި ހިލަވެލީގެ އަގުބޮޑު ވެދާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ދިފާއުގައެވެ.