07 Aug 2017, 12:34
ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.
މުސްތަފާ އަށް ފުލުސް އޮފީހުން ފޮނުވި ޗިޓްގައިވާގޮތުން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ މާދަމާ ރޭ 8:00 އަށެވެ.
އެ ޗިޓްގައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމަށް ތުހުމަތު މައްސަލައެވެ.
މުސްފަތާ ހާޒިރުކުރަނީ އެ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށް ކަމަށް ވެސް އެ އަމުރުގައިވެއެވެ.