07 Aug 2017, 19:09
އެމެރިކާ އިސްވެއޮވެ އުފައްދައިފައިވާ ގުޅިފައިވާ އިއްތިހާދުން އައިއެސްގެ މަގާމުތަކަށް ކަމަށް ބުނެ ދެމުންދާ ހަމަލާތަކުގެ ސަބަބުން އެގައުމުގެ އާންމުންގެ ގިނަ ބަޔަކު މަރުވަމުން ދާކަމަށް ބުނެ ސީރިއާއިން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
" އދ.ގެ ޗާޓަރުތަކާ ހިލާފަށް ސީރިއާގެ ހުއްދަނެތި މިގައުމުގައި ހަރަކާތް ތެރިވަމުންދާ އެމެރިކާގެ އިއްތިހާތުގެ ހަރަކާތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަން،" ސީރިއާގެ ފޮރިން މިނިސްޓްރީއިން އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭސްއަށް ފޮނުވައިފައިވާ ސިޓީ އެއްގައި ބުންޏެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް، މީހުން އުޅޭ ސަރަހައްދުތަކަށް އިއްތިހާދުން ދޭ ހަމަލާތަކާއީ، އެހަމަލާތުކުގައި ފޮސްފަރަސް ބޭނުންކުރާ ވާހަކަވެސް އެސިޓީގައި ބަޔާންކޮށްފައެވެއެވެ.
މިދިޔަ ހަފްތާގައިވެސް ސީރިއާއިން ވަނީ އެމެރިކާ އިސްވެއޮވެ އުފައްދައިފައިވާ އިއްތިހާދުން ދޭ ހަމަލާތައް ހުއްޓާލުމަށް އެދި އދ.އަށް ސިޓީ ފޮނުވައިފައެވެ.
ވައިގެ ހަމާލާތަކުގައި އާންމުންނަށް ލިބޭ ގެއްލުންތައް މޮނިޓާ ކުރާ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއްކަމަށްވާ އެއާވޯސް އިން ހާމަކުރިގޮތުގައި އެމެރިކާގެ އިއްތިހާދުން ދޭ ހަމާލާތަކުގައި ސީރިއާގެ 4734 އާންމުން ވަނީ މަރުވެފައެވެ.