ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 10 މިނެޓް ތެރޭ ހެދި ހެޓްރިކާ އެކު ވޯލްޑް ފުޓްބޯލް ޗެލެންޖްގައި ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ އެވެ. މެކްސިކޯގެ ގުއަޑަލަޖަރައާއި ބައްދަލުކޮށް ރެއާލް މެޑްރިޑް މޮޅުވެފައި ވަނީ 3-0 ންނެވެ.

މެޗްގައި މޮޅު ކުޅުމެއް ދައްކަމުންއައި ރެއާލް މެޑްރިޑް ލަނޑެއްޖެހިޔަ ނުދީ ގުއަޑަލަޖަރަ ވަނީ ހިފަހައްޓާފަ އެވެ.

މެޗްގެ 73 ވަނަ މިނެޓްގައި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގުއަޑަލަޖަރަގެ ގޯލް ހުޅުވާލާފަ އެވެ. ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓިއަކުން ރޮނާލްޑޯ ކާމިޔާބު ކުރިއިރު ރޮނާލްޑޯގެ ހެޓްރިކް ފެނިގެން ދިޔައީ މެޗްގެ 82 ވަނަ މިނެޓްގަ އެވެ.

މެޗަށްފަހު ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ މެޗްގައި ހެޓްރިކް ހެދި ރޮނާލްޑޯއަށް ތައުރީފްކޮށްފަ އެވެ. ރޮނާލްޑޯއަކީ ކޮންމެ ތަނަކަށް ކުޅުނަސް އެހާ މޮޅު ކުޅުންތެރިއެއް ކަމަށް މޮރީނިއޯ ބުންޏެވެ.

"ކޮންމެ ތަނަކަށް ކުޅުނަސް. ކޮންމެ ގައުމެއްގައި ކުޅެންޖެހުނަސް ރޮނާލްޑޯއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާއަކީ އަމިއްލަ އިތުބާރު އޮންނަ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އެކަން އޭނާ އެދަނީ ސާބިތުކޮށްދެމުން." ކޯޗް މޮރީނިއޯ ބުންޏެވެ.
މިމެޗްގައި ގުއަޑަލަޖަރައިން ހެދި 7 ހަމަލާއިން އެންމެ ހަމަލާއެއްވެސް ގޯލާއި އަމާޒުވެފައެއް ނުވެ އެވެ.