07 Aug 2017, 12:07
ބްރެޒިލްގެ ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ސަލާމަތްވި އެލަން ރުޝުލްއާއެކު ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ ހާއްސަ މެޗަށް ޗަޕެކޮއެންސް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އެ ކްލަބުގެ ގޯލްކީޕަރު އާޓުރް މޮރައޭސް ބުނެފިއެވެ.
ގެމްޕާ ޓްރޮފީގައި ސްޕެއިންގެ ކާމިޔާބު ކްލަބު ބާސާއާ ދެކޮޅަށް މިރޭ ޗަޕެކޮއެންސް ނުކުންނާނީ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި 71 މީހުންގެ ހަނދާނުގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި އެތުލެޓިކޯ ނޭސިއޯނަލްއާ ދެކޮޅަށް ނުކުތުމަށް ޗަޕެކޮއެންސް ޓީމު ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ފްލައިޓުގައި އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ނޫސްވެރިން ވެސް ހިމެނުނެވެ.
ބާސާގެ ކޭމްޕޯ ނޯގައި ކުޅޭ އެ މެޗުގައި ފެނިގެންދާނެ ރުޝެލްއަކީ ފްލައިޓް ވެއްޓުނު ހާދިސާގައި ސަލާމަތްވި ޗަޕެކޮއެންސްގެ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އުމުރުން 27 އަހަރުގެ ޑިފެންޑަރު ރުޝެލްގެ އިތުރުން ދެން ސަލާމަތްވީ އެ ޓީމުގެ ނޭޓޯ އަދި ޖެކްސަން ފޯލްމަންއެވެ.
"އެއީ މަރުވެދިޔަ މީހުންގެ ހަނދާނުގައި ކުޅޭ ހާއްސަ މެޗެއް. އަދި ޗަޕަކޮއެންސަށް މިދިޔަ އަހަރު ކުރިމަތިވި ކަންތައްތަކުގެ ހަނދާނުގައި ކުޅޭ ތާރީހީ މެޗެއް. އެންމެ ހާއްސަ ކަމަކީ އެ މެޗުގައި ރުޝެލް ކުޅޭތީ. އެނބުރި ކުޅުމުގެ ތެރެއަށް ނުކުތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ރުޝެލް ކުޅޭތީ އެއީ ވަރަށް ހާއްސަ ކަމެއް. އުފަލާއެކު އެ މެޗުގައި ބައިވެރިވެ ހާއްސަ ދުވަހަކަށް ހެދުމަށް އަހަރެމެން ތައްޔާރު،" ޗަޕެކޮއެންސްގެ ގޯލްކީޕަރު މޮރައޭސް ބުންޏެވެ.
މޮރައޭސް ބުނީ، އެ ހާދިސާގައި ގެއްލިގެންދިޔަ މީހުންގެ ހަނދާންތައް ނައްތާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮންމެ ފަހަރަކު ވެސް ދަނޑަށް ނުކުންނަނީ އެ ހަނދާންތަކާއެކު ކަމަށެވެ. އަދި އޭގެ ތެރޭގައި ސިޓީއާއި ކްލަބު އަލުން ބިނާކުރުމުގެ ޒިންމާ އެކުލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން ކޮންމެ ފަހަރަކު ވެސް ކްލަބު ޖާޒީ ލަނީ މިއީ ހަމައެކަނި ކްލަބެއްގެ ގޮތުގައި ބަލައިގެނެއް ނޫން، ހާއްސަ އިހުސާސްތަކެއް އެކުލެވޭ. ފްލައިޓް ވެއްޓުނު ހާދިސާއަށްފަހު ރުޝެލް ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އޭނާއަށް މި މެޗަކީ ވަރަށް ހާއްސަ މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.
ބާސާއާއި ޗަޕެކޮއެންސް ބައްދަލުކުރާ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:30ގައެވެ.