ލިއޮނާޑޯ ބޮނޫޗީގެ ޓްރާންސްފާއަކީ ކުރިން ރޭވިގެން ނިންމި ކަމެއް ނޫން ކަމަށާއި އެކަން ނިމިގެންދިޔައީ މަޖަލަކަށް ދެކެވުނު ވާހަކައަކަށްފަހު ކަމަށް އޭސީ މިލާނުގެ ޑިރެކްޓަރު މަސިމިލިއާނޯ މިރަބެލީ ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ތެރޭގައި ޗައިނާގެ ވިޔަފާރިވެރިން މިލާން ގަތުމަށްފަހު، ކުރިއަށްއޮތް ސީޒަނަށް އެ ކްލަބު ވަރުގަދަ ކުރުމަށް މިހާރު ކުރިއަށްދާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި މިލާނު އުޅަނީ ވަރަށް ބުރަކޮށެވެ. މިލާނުން ގެނައި ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސްއިން 42 މިލިއަނަށް ގެނައި ޑިފެންޑަރު ބޮނޫޗީ ފާހަގަކޮށްލެވެއެވެ.

"ބޮނޫޗީގެ ޓްރާންސްފާއަކީ ކުރިން ރޭވިގެން ކުރެވުނު ކަމެއް ނޫން. އެކަމަކު އަހަރެމެންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފީ. ކުޅުންތެރިންގެ ކަންތަކުގައި އެޖެންޓް އެލެކްސެންޑާ ލޫޗީއާއި އަހަރެންނާ ވާހަކަދެއްކިން. އެ ވާހަކައިގެ ތެރެއިން އޭނާ މަޖަލެއްގެ ގޮތުގައި ބޮނޫޗީއާ ބެހޭ ވާހަކަތަކެއް ދެއްކި. އެކަމާ މެދު މަޝްވަރާކުރަން ފެށުނީ އެއަށްފަހު،" މިލާނުގެ ޑިރެކްޓަރު މިރަބެލީ ބުންޏެވެ.

މިރަބެލީ ބުނީ، އެ ވާހަކަތައް ދެކެވުނު ފުރަތަމަ ދުވަސްކޮޅު މިލާނުގެ ސީއީއޯ މާކޯ ފަސޯންއަށް ބިނޫޗީ ގެނައުމުގެ ހިޔާލު ނުދޭ ކަމަށާއި އެކަން ނިންމީ ވަރަށް އަވަސް މަޝްވަރާތަކަކަށްފަހު ކަމަށެވެ.

މިލާނުން ވަނީ ކުރިއަށްއޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން މިލާނުން ވަނީ ބޮނޫޗީގެ އިތުރުން އަންދުރޭ ސިލްވާ، ލޫކަސް ބިގްލިއާ، ހަކާން ކަލްހަނޮގްލޫ، އަންދްރޭ ކޮންޓީ، މަޓިއޯ މުސަކިއޯ، ރިކާޑޯ ރޮޑްރިގޭޒް، ފްރޭންކް ކެސީ އަދި ފަބިއޯ ބޮރިނީގެ ސޮއި ހޯދައިފައެވެ.

ޓްރާންސް މުއްދަތު ހަމަވުމުގެ ކުރިން މިލާނުން ދަނީ އަދިވެސް ކުޅުންތެރިން ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިލާނަށް ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ޕިއެރޭ އެމެރިކް އޮބަމަޔާންއާއި އަންދްރޭ ބެލޮއްޓީއާއި ނިކޮލާ ކަލިކިޗް އަދި އެ ކްލަބުގެ ކުރީގެ ތަރި ޒްލަޓަން އިބްރަހިމޮޗް ފާހަގަކޮށްލެވެއެވެ.