ޔަންގޫން(އޮގަސްޓް 7): މިޔަންމާގެ ސަލާމަތީ ފައުޖުތަކުން ރޮހިންޔާ މުސްލިމުން މަރައި، ރޭޕްކޮށް، އެމީހުންގެ ގެތަކުގައި ރޯކުރި ކަމަށް ބުނެ އދން ނެރުނު ރިޕޯޓު، އެމައްސަލަ ތަހުގީގު ކުރި މިޔަންމާ ސަރުކާރުގެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

އެއީ މިދިޔަ ފެބްރުއަރީ މަހު އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ރިޕޯޓަކާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގެކެވެ. އދގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރަހީން ސްޓޭޓުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ވަނީ ރޮހިންޔާ މުސްލިމު އަންހެނުން ރޭޕްކޮށް، ފިރިހެނުންނަށް އަނިޔާކޮށް، ކުޑަކުދިން މަރައިފައެވެ.

ނަމަވެސް މިޔަންމާ ސަރުކާރުގެ ކޮމިޝަނުން ބުނި ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވާ ގިނަ ހާދިސާތަކަކީ ހަދަހަދައިގެން ދައްކާފައިވާ ވާހަކަތަކެވެ. އަދި އެހާދިސާތައް ހިނގިކަން ސާބިތުވާ ވަރަށް ހެކި ފެނިފައި ނުވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރަހީން ސްޓޭޓުގައި އަސްކަރީ އޮޮޕަރޭޝަނެއް ފެށީ އެގައުމުގެ ބޯޑަރު ގާޑު ކުރަމުންދިޔަ ނުވަ ފުލުހަކު މަރާލުމާ ގުޅިގެންނެވެ. އެގައުމުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރޮހިންޔާ ހަނގުރާމަވެރިންނެވެ.

އެ އޮޕަރޭޝަނާ ގުޅިގެން މިޔަންމާ ދޫކޮށް ބަންގުލަދޭޝަށް ދިޔަ ރޮހިންޔާ މުސްލިމުންގެ ތެރެއިން 204 މީހަކާ ހަވާލާދީ އދން ލިޔުނު ރިޕޯޓު ދޮގު ކުރަމުން އެގައުމުގެ ސަރުކާރުން ބުނި ގޮތުގައި އެ ރިޕޯޓަކީ ވަކި ކޮޅަކަށް ޖެހިފައިވާ ރިޕޯޓެކެވެ. އަދި ރޮހިންޔާގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގެ ނުރައްކާ އެރިޕޯޓުގައި ފާހަގަކޮށްފައި ނުވެއެވެ.

މިޔަންމާގެ ސަރުކާރުން އެފަދައިން ބުނެފައިވަނީ، އދން އެމައްސަލަ ތަހުގީގު ކުރުމަށްޓަކައި ރަހީން ސްޓޭޓަށް ދިޔުމަށް ހުއްދަ ދޭން ދެކޮޅު ހެދުމަށް ފަހުގައެވެ. ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އަންގް ސަން ސޫޗީގެ ސަރުކާރުން ބުނި ގޮތުގައި އދގެ މެމްބަރުން އެސަރަހައްދަށް ދިޔުމުން މައްސަލަ އިތުރަށް ގޯސްވާނީއެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއް ވެފައިވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް މިޔަންމާގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުޑިސްޓުން ދެކޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރައި ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދައިފައެވެ. (އަލްޖަޒީރާ)