ވެނަޒުއޭލާގެ މިލިޓަރީ ބޭހަކަށް ހަމަލާދިނުމަށްފަހު ހަތިޔާރާއެކު ފިލި 10 މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ ސިފައިން ފަށައިފިއެވެ.

ވެނަޒުއޭލާގެ ހުޅަނގު އުތުރުގައި އޮންނަ އަވަށެއްކަމުގައިވާ ވެލަންސިއާގައި ހުރި މި މިލިޓަރީ ބޭހަށް ހަމަލާ ދިނުމުގައި ޖުމުލަ 20 މީހުން ބައިވެރިވެފައިވާ ކަމުގައި އެގައުމުގެ ސިފައިން ހަބަރުދެއެވެ.

އިދިކޮޅު ހަނގުރާމަވެރިން ދިން ހަމަލާގެ ރައްދުގައި ވެނަޒުއެލާގެ ސިފައިންވަނީ މިލިޓަރީ ބޭހަށް ހަމަލާދިން މީހުންގެ ތެރެއިން ދެ މީހަކު މަރާލައި އަދި ހަތް މީހަކު ހައްޔަރު ކޮށްފައެވެ. މިހަމަލާ ބަދަލުކުރުމުގައި އޭގެތެރޭން އެކަކަށްވަނީ އަނިޔާތަކެއްވެސް ވެފައެވެ. ނަމަވެސް އޭނާގެ ތަފްސީލެއް ސިފައިން ނުދެއެވެ.

މިހަމަލާތައް ބަދަލުކުރުމުގެ ކުރިން އެގައުމުގެ މީޑިއާތަކުގައި އަދި ސޯޝަލް މީޑިއާގައި، ހަނގުރާމަވެރިންތަކެއް އެގައުމުގެ ވެރިކަމާ އިދިކޮޅަށް "ތެދުވަނީ" ކަމަށް ބުނެ ވާހަކަ ދައްކާ ވީޑިއޯއެއްވަނީ އާންމުވެފައެވެ.

މި ހާދިސާގެ ސަބަބުން ގައުމުގެ ހާލަތު މިހާރު ހަލަބޮލިވެފައިވާ މިންވަރަށް ވުރެ އިތުރަށް ބޮޑުވެފައެއް ނުވެއެވެ.

އަދި ވެނަޒުއޭލާގެ ރައީސް ނިކޮލާސް މަދޫރޯޯ ވަނީ، ސިފައިންނަށް މިހަމަލާ އަވަސް ގޮތެއްގައި ހުއްޓުވައި "ކުށްވެރިން" ތައް ހައްޔަރުކުރުމުން އެގައުމުގެ ރަސްމީ ޗެނަލް މެދުވެރިކޮށް އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ.

މަދޫރޯ ވަނީ، މިހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމުގައި ބުނެ އެކަން ކުށްވެރިކޮށްފައެވެ. އޭގެ އިތުރުން މިހަމަލާ ދިނުމަށްފަހު ފިލި މީހުން ހިފައި ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އެގައުމުގެ ރައްޔިތުން ކައިރީ ވައުދުވެ ވަޑައިގަންނަވާފައެވެ.

މިފަހުގެ ތާރީހުގައި ވެނަޒުއޭލާގެ އެތެރޭގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ގައުމުގައި ދާހިލީ ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ.

މައްސަލަތައް އުފެދެން ދިމާވި ސަބަބަކީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ދަށަށް ދިއުމެވެ.

ވެނަޒުއޭލާގެ 95 ޕަސެންޓް އާމްދަނީ ލިބެނީ ތެލުގެ ވިޔަފާރިން ކަމަށްވާއިރު ގައުމުގައި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަންޖެހިފައިވާ މިންވަރުވަނީ 53 ޕަސެންޓް އިތުރުވެފައެވެ. މީގެ އިތުރުން ގައުމުގެ އިންފްލޭޝަން ރޭޓުވެސް ވަނީ 700 ޕަސެންޓް މައްޗަށް ގޮސްފައެވެ.

މީގެ ސަބަބުން އެގައުމުގެ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި އަދި ރައީސް މަދޫރޯގެ މައްޗަށް އޮތް އިތުބާރު ގެއްލި އޭނާ ވެރިކަމުން ފޭބުމަށް އެގައުމުގެ ރައްޔިތުން ގޮވަމުން ދިޔައެވެ.

މިއަހަރުގެ މާޗް މަހު އެގައުމުގެ ސުޕްރީމް ކޯޓުން ނިންމީ ވެނަޒުއޭލާގެ ގައުމީ މަޖިލިސް އެކޯޓުގެ ބާރުގެ ދަށަށް ގެނައުމަށެވެ. އޭރު މަޖިލިސްގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކުގެ އަތުގައެވެ.

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ---

އެއަށްފަހު ގައުމުގައި ހިނގަމުންދިޔަ ހަޅުތާޅުތައްވަނީ ހޫނުވެ އާންމުންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގަން ފަށާފައެވެ. އޭޕްރީލް މަހުން ފެށިގެން މިހާތަނަށް އައިއިރު އެގައުމުގައި 100 އަށް ވުރެ ގިނަ އާންމުރައްޔިތުން ވަނީ މިފަދަ ކުރިމަތިލުންތަކުގައި މަރުވެފައެވެ.

ނަމަވެސް މަދޫރޯ ގެންދަވަނީ އޭނާގެ ސިޔާސަތާއި ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖުލައި 30 ގައި ވަނީ ވެނަޒުއޭލާގެ އާ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓުލައިފައެވެ. އަދި މަދޫރޯވަނީ ވޯޓު ލުމުގެ ހައްގު އެގައުމުގެ އާބާދީގެ 41.5 ޕަސެންޓަށް ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިއީ ތެދު މައުލޫމާތު ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ގެންދިޔައީ އޭރުވެސް ބުނަމުންނެވެ.

އާ މަޖިލިސްގެ އަގުލަބިއްޔަތު ހޯދީ މަދޫރޯގެެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ. މިއަށްފަހު އެމެރިކާއިންވަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް ހަތިޔާރުއެޅި ހަނގުރާމަވެރިން ވަނީ ވެނަޒުއޭލާގައި "ގަދަބާރުން ވެރިކަން ކުރާ ޚުދުމުޚްތާރު ވެރިޔާގެ ކިބައިން އެގައުމުގެ ރައްޔިތުން ސަލާމަތް" ކުރާނެ ކަމަށް ބުނެ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.