ވޮޝިންޓަން(އޮގަސްޓް 7): އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ގެންދަވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރުވަމުން ކަމަށް ބުނާ ރިޕޯޓުތައް ޕެންސް ދޮގުކުރައްވައިފި އެވެ.

ނިއު ޔޯކް ޓައިމްސްގެ ރިޕޯޓެއްގައިވާ ގޮތުން ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވަނީ ދެ ވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް ކުރިމަތިނުލައްވާނެ ކަމަށް ނިންމައި، ޕެންސް އިންތިހާބު ކުރުމަށްޓަކައި ސިއްރު ކެމްޕެއިނަކާއި، އެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

ޓައިމްސްގައިވާ ގޮތުން ރިޕަބްލިކަން ޕާޓީގެ މެމްބަރުން އެފަދަ ފިޔަވަޅެއް އެޅީ ވައިޓް ހައުސްގައި ކުރިއަށްދާ ދެބަސްވުންތަކާއި، ރަޝިއާއިން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލައާ ގުޅިގެންނެވެ.

ނަމަވެސް ޕެންސް ވަނީ އެރިޕޯޓު ދޮގު ކުރައްވައި، ރިޕޯޓުގެ މަގުސަދަކީ ސަރުކާރުގައި ބައިބައިވުން އުފެއްދުން ކަމަށް ވިދާޅުވެފައެވެ. އަދި ޕެންސްގެ ޓީމުން މަސައްކަތް ކުރަނީ ރައީސް ޓްރަމްޕްގެ އެޖެންޑާ ކުރިއެރުވުމުށާއި، 2020 ވަނަ އަހަރު އޭނާ ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)