ގައުމީ ފެންވަރުގައި ފާހަގަކުރާ އަދަބީ އީދު ފާހަގަ ކުރުމަށް މުލަކު އަތޮޅު މުލި ސަގާފީ ރަހަތަކުން ޒީނަތްތެރި ކޮށްލައިފި އެވެ.

އިހުޒަމާނުގައި ދިވެހިން ދިރިއުޅުނު ގޮތާއި ދިވެހިންގެ އާދަކާދަ އާއި ސަގާފަތް އަދި ވައްޓަފާޅި ދައްކާލުމަށް މުލީ ރައްޔިތުން ތައްޔާރު ވަމުންދާއިރު އަދަބީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހު އަށަކުން 12 އަށެވެ.

ގައުމީ އަދަބީ އީދަށް މުލި ތައްޔާރުކުރަނީ --- ފޮޓޯ/ މ.އަތޮޅު ފޭސްބުކް ޕޭޖް

މުލީ ކައުންސިލުގެ ރައީސް އިބްރާހިމް ޒަކީ 'ސަން' އަށް ވިދާޅުވީ އަދަބީ އީދުގައި ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ގިނަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ. އިހުޒަމާނުގައި ދިވެހިން ދިރިއުޅުނު ގޭގެ ހުންނަ ގޮތާއި، ދިވެހިން ކޮށް އުޅުނު މަސައްކަތްތަކުގެ ނަކަލެއް ފެނިގެންދާނެ ކަމަށްވެސް ޒަކީ ވިދާޅުވި އެވެ.

" އިހުގައި ދިވެހިން މަސް ކަނޑައި އަތިރިމަތިން މަސް ހިފައިގެން ދާ ގޮތްވެސް މި އީދުގައި ދައްކުވައިދޭނެ. މި ހުރިހާ ކަމަކަށް ވަނީ ރަށުގެ ވަކި ސަރަހައްދެއް ހާސްކުރެވިފައި،" މުލީ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ގައުމީ އަދަބީ އީދަށް މުލި ތައްޔާރުކުރަނީ --- ފޮޓޯ/ މ.އަތޮޅު ފޭސްބުކް ޕޭޖް

އީދުގެ ހަރަކާތްތަކަށް މާލޭން، ބަހާ އަދަބިއްޔާތުގެ އިސް ބޭފުޅުން މުއްޔަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ އަދަބީ އީދަށް ރަށް ތައްޔާރު ކުރުމުގައި ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ލިބިފައިވާ ކަމަށާއި އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.