21 Jul 2011, 15:41
އިޒުރޭލުގެ ގައުމީ އެއާލައިން "އެލްއަލް"ގެ ދަތުރުތައް ރާއްޖެ އަށް ފަށައި ދިވެހި ގައުމުގައި ޒަޔަނިސްޓުންގެ ހަން ފެތުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ދިވެހި ރައްޔިތުން ތެދުވުމަށް، އިޒުރޭލުން ހިންގާ އަނިޔާވެރި އަމަލްތަކާ ދެކޮޅަށް ވަކާލާތު ކުރައްވާ އަދި އިނގިރޭސިވިލާތު ޕާލަމެންޓްގެ މެންބަރުކަން ފަސް ފަހަރު މަތިން ކުރައްވާފައިވާ ޖޯޖް ގްލޮވޭ ގޮވާލައްވައިފި އެވެ.
ޖޯޖް ގްލޮވޭ ރާއްޖޭގެ ރައްޔިތުންނާ މުހާތަބުކޮށް އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ އާދަލަތު ޕާޓީގެ ގައުމީ މަޖިލިސް ނިންމާލުމުގެ ރަސްމިއްޔާތަށް ފޮނުއްވި ވީޑީއޯ ހިތާބެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ އިޒުރޭލުން މުސްލިމުންނާ މެދު ހިންގާ ރަހުމްކުޑަ ޖަރީމަތަކާ ގުޅިގެން މުސްލިމު ގައުމުތަކުން އިޒުރޭލާ ގުޅުންކަނޑާލައި ފައްސާލަމުންދާ ދަނޑިވަޅެއްގައި، 100 ޕަސެންޓް މުސްލިމު ރައްޔިތަކު ދިރިއުޅޭ ދިވެހި ރާއްޖެ އަށް އިޒުރޭލުގެ ގައުމީ އެއާލައިންގެ ދަތުރުތައް ފެށުމަކީ މޮޔަކަމެއް ކަމަށެވެ. އަދި އެ ދަތުރުތަކާ އެކު ދުނިޔޭގައި ވަކި ހިއްޕާލަމުންދާ އިޒުރޭލުގެ ޖާސޫސީ އެޖެންޓުން ކަމުގައިވާ "މޮސާޑު"ގެ އެޖެންޓުން ރާއްޖެ ވަނުމުގެ މަގު ފަހިވެގެންދާނެ ކަމުގެ އިންޒާރު ވެސް ގްލޮވޭ ވިދާޅުވި އެވެ.
"ސަތޭކަ ޕަސެންޓް މުސްލިމް ގައުމެއް ކަމުގައިވާ ދިވެހި ރާއްޖެ އަށް އިޒުރޭލުގެ ގައުމީ އެއާލައިން ކަމުގައިވާ އެލްއަލް އިސްރާއީލާއި އިޒުރޭލުގެ ދިދަ، އަދި އެ ފްލައިޓާ އެކު ނައިސް ނުދާނޭ ކަންތައްކަމުގައިވާ އިސްރޭލުގެ ޖާސޫސީ އެޖެންޓުން ކަމުގައިވާ މޮސާޑު މީހުން ވަނުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑު ދަންނަވާނީ މޮޔަކަމުގެ ހައްދެއް ނެތް ކަމެކޭ،" ދުނިޔޭގައި އަދުލު އިންސާފު ގާއިމް ކުރުމަށް އިނގިރޭސީ ޕާލަމެންޓްގައި ވަކާލާތު ކުރެއްވި ގްލޮވޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްލިމުންގެ ބިންތައް ފޭރިގެން، އުފައްދާފައިވާ އިޒުރޭލުން ރާއްޖެއާ ދެމެދު ގުޅުން ބާއްވައި އެ ގައުމުގެ އެއާލައިންގެ ދަތުރުތައް ފެށުމަކީ ރާއްޖެ އަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އިޒުރޭލުގެ ހަންފެތުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ޓަކައި ހުރިހާ ދިވެހިން ބައިވެރި ވުމަށް އެނާ އެދިވަޑައިގެންނެވި އެވެ. އަދި އޭނާ ވިދާޅުވީ އެ އާލައިންގެ ދަތުރުތައް ފެށުމުގެ ޕްރޮޖެކްޓުގައި 64 އަހަރުވަންދެން ފަލަސްތީނުން މަރަމުންދާ ރައްޔިތުން ލޭ އެ ޕްރޮޖެކްޓްގައި އުގުޅިފައިވާ ކަމަށެވެ.
"ބިން ފޭރިގެން އުފައްދާފައިވާ އިޒުރޭލުން ދިވެހި ރާއްޖެއަށް ނުފޫޒު ފޯރުވުމާއި ހަންފެތުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވުމަށް ]އަޅުގަނޑު ގޮވާލަން[. ވޭތުވެދިޔަ 64 އަހަރުވަންދެން މަރަމުންދާ ފަލަސްތީނުގެ މީހުންގެ ލޭ ވަނީ މި ޕްރޮޖެކްޓްގައި އުނގުޅިފައި،" ފަލަސްތީނަށް މިނިވަންކަން ހޯދައިދީ އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑު ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގްލޮވޭ ވިދާޅުވި އެވެ.
ފަލަސްތީނުގެ ކުރީގެ ބިމެއް ކަމަށްވާ އަދި މިހާރު އިޒުރޭލުގެ މައި ރަށް ތެލްއަވީވްގައި ގާއިމް ކޮށްފައިވާ މޮސާޑު ޖާސޫސީ އިދާރާ އިން ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސްވެރިންތަކެއް މަރާފައިވެ އެވެ. އަދި 60 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އެ ޖާސޫސީ އިދާރާ އިން ދަނީ މުސްލިމް ގައުމުތަގެ ވެރިކަމަށް ޒަޔަނިސްޓުންގެ ބާރުފޯރުވުމަށް މެދުއިރުމަތީގައި ޖާސޫސް ކުރަމުންނެވެ. އަދި އެބޭނުމުގައި ޔޫރަޕާއި އޭޝިއާގައި އެބައިމީހުން ދަނީ އެހެން ނަންނަމުގައި މޮސާޑުގެ ގޮފިތަކެއް ސިއްރުގައި އުފަން ކުރުވަމުންނެވެ.
http://www.youtube.com/watch?v=svY9_3-BVK4