07 Aug 2017, 00:41
މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރިމިއާލީގުގައި މިރޭ ކުޅުނު މެޗުން ވާދަވެރި އއ. މާޅޮހުގެ މައްޗަށް ގދ ތިނަދޫން ކުރިހޯދައިފިއެވެ.
މިރޭ ދެ ޓީމަށް ނިސްބަތްވާ ގިނަ އަދދެެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މެޗު ތިނަދޫން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ތިނަދޫއިން ޕްރިމިއާލީގުން ޖާގައެއް ހޯދީ މިނިވަން ޗެމްޕިއަންޝިޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ބަލިވީ ފައިނަލުގައި ކުޑަހުވަދޫ އަތުންނެވެ.
މިރޭގެ މެޗަށް ބަލާއިރު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި އަލަށް ގައުމީ ދަނޑުގައި މާޅޮހުން ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ތިނަދޫ ހިފަހައްޓަން މަސައްކަތް ކޮށްފަ އެވެ.
މިރޭގެ މެޗުގައި ތިނަދޫ ކޮޅަށް ނަތީޖާ އަނބުރައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ އެލެސްސެންޑްރާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 73 ވަނަ މިނިޓްގައެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ތިނަދޫގެ ކޯޗު މާޓިނޭޒް ބުނީ އޭނާގެ ޓީމަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށެވެ. ނަމަވެސް ޓީމުގެ ބައެއް ކަންކަން އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.