ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން މަރާލާފައި އޮއްވައި ފެނުނު ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، 25 މަރާލުމުގައި ބައިވެރިވި މީހުންނާއެކު 12 މީހަކު މިރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަނަސް މަރާލާފައި އޮއްވައި ފެނުނީ މިދިއަ މަހުގެ 31 ވަނަ ދުވަހު ސައިކަލް ސާވިސް ސެންޓެރެއް ކަމަށްވާ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އޮއްވަ އެވެ. އަނަސް މަރުވެފައި ވަނީ މޫނު ފޮނުވައިގެން ތިބި ދެ މީހަކު ވަޅިން ދިނަ ހަމަލާތަކެއްގެ ސަބަބުންނެވެ.

ފުލުހުން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޮގަސްޓް 6، 2017: ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން މަރާލާފައި އޮއްވައި ފެނުނު ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، 25 މަރާލުމުގައި ބައިވެރިވި މީހުންނާއެކު 12 މީހަކު ފުލުހުން ހައްޔަރުކުރުން - ސަން ފޮޓޯ

އެ މީހުންގެ އިތުރުން މާލޭގައި ހިންގި މާރާމާރީތަކާ ގުޅިގެން ވެސް މިރޭ އޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކުރި ކަމަށާއި އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މިރޭ ފުލުހުން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 12 މީހުންނެވެ. އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ މ. އަސަރީހިޔާ ގައި ތިއްބައެވެ.

މާލޭގައި ހިންގި މާރާމާރީ ތަކާއި ގުޅިގެން މީގެކުރިން ވެސް ވަނީ 23 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ބުނެފައި ވަނީ އެ މައްސަލަތަކުގައި މާރާމާރީ ހިންގަން ބޭނުން ކުރެވޭނެ އާލާތްތައްވެސް ހޯދާފައިވާ ކަމަށެވެ.