ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން އުޅެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ ބައެއް މެންބަރުން ގުޅުމަށް ސްޓެލްކޯ ސެމިނާ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހުރު ބޭރުކޮށްލާފައި ވަނިކޮށް ޖަލްސާއެއް ނުބާއްވަނީސް އަނެއްކާ ވެސް އެ މައްސަލަ މަޖިލީހަށް ވެއްދުމުން ދޭހަވަނީ ސިޔާސީ ހަސަދަވެރިކަން ކަމަށެވެ.

"ފުލުހުން އެ އޮތީ ވިދާޅުވެފައި އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދީގެން ކުރުވަން އުޅޭ ކަމެކޭ. އެކަންތައްތައް ހުއްޓުވުމަށް ސަރުކާރުންނާއި ކަމާ ބެހޭ އިދާރާތަކުން އެ އޮތީ ފިޔަވަޅު ވެސް އަޅުއްވާފައި،" ޒަމީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅިގެން ކުރައްވާ މަސަތްކަތް ޒަމީރު ސިފަ ކުރެއްވީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް ކުރާ މަސަތްކަތެއްގެ ގޮތުގަ އެވެ.

"...ކުއްލިއަކަށް އެމަނިކުފާނު [ރައީސް މައުމޫން] އިސްކޮށް ހުންނަވައިގެން ސަރުކާރު ވައްޓާލަން ނޫނިއްޔާ ސަރުކާރު ވައްޓާލެންށޭ މި ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކާ ދިމާލަށް ދިއުން އެއީ އަޅަގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް ވަރަށް އުނދަގޫ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

މަސީހު ވަކިކުރުމަށް 60 މެންބަރުނަށް ވުރެން އިތުރަށް ވޯޓް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވައި ޒަމީރު ވިދާޅުވީ އެއީ ސީދާ ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ދައްކާ ވާހަކައެއް ކަމަށެވެ.