06 Aug 2017, 20:33
ރައްޔިތުން މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ގެއްލުވާ ނުލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގައި ޕީޕީއެމުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގޯސްވެގެން އުޅޭއިރު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ގާނޫނަށް ޑްރާފްޓެއް ވެސް ގެނެސްފައި ނެތް ކަމަށެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ތެރޭގައި އޮތް ޕީޕީއެމްގެ މެޖޯރިޓީއާއެކު 300 އެއްހާ މައްސަލަ ނިންމާފައިވާއިރު، އެ މައްސަލަތަކުގެ 98 ޕަސެންޓް މަސައްކަތް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ޕީޕީއެމް ޕާލިމެންޓަރީން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގައި މިއަދު މަޖިލީހުގައި ތަޅު އަޅުވަން ބޭނުންވަނީ ރާއްޖެ ކުރިއަރުވައި ނުދީ ހުއްޓުވާ ސަރުކާރުން 2018 އަށް ކުރަމުންދާ އުންމީދުތައް ފުޑު ކޮށްލުމަށެވެ.
"ރައްޔިތުން މަޖިލީހުގައި މިއޮތް ޕީޕީއެމްގެ މެޖޯރިޓީ ހަމަ ހިލާ އިދިކޮޅު ފަރާތްތަކަކަށް ގުޑުވާނުލެވޭނެ ކަމުގެ ޔަގީންކަން ދެން،" މިއަދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ނިހާން ވިދާޅުވި އެވެ.
ނިހާން އެގޮތަށް ވިދާޅުވިއިރު، ޕީޕީއެމް، އެމްޑީއޭ ކޯލިޝަނަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މިހާރު ވަނީ ގެއްލިފަ އެވެ. އަދި އެކަން ނިހާން ވެސް ގަބޫލުފުޅު ކުރައްވާ ވަނީ ޓްވީޓެއް މީގެ ކުރިން ކުރައްވާފައެވެ.
ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕަށް ނިސްބަތްވެވަޑައިގެންނެވި ގިނަ މެމްބަރުންތަކެއް އެއްފަހަރާ އެ ޕާޓީން ވަކިވެވަޑައިގަތީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓަށް މިދިޔަ މަހު ކުރި ހުކުމުގެ ކުރިންނެވެ.
އެ ހުކުމާ ގުޅިގެން ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބަގާވާތެއް ހިންގާ ރާއްޖޭގެ ވެރިކަމުގެ ބާރުތައް ހުއްޓުވުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުން ނެރުއްވި ހުކުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ޝުކުރު އަދާކުރައްވާ ސާބަސް ދަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ، ތިން ބާރުގެ މައްޗަށް ގާނޫނީ ބާރު ނަގާ ދަމަހައްޓަން ވާޖިބުވާނެ ކަމަށާއި މުލައްދަނޑީގެ ބާރެއް ރައީސް ޔާމީން ނުދައްކަވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ ބާތިލް ކޮށްފައެވެ.
ޕީޕީއެމަށް ގެއްލުނު މެޖޯރިޓީއާއެކު ސުޕްރީމް ކޯޓުގެ ހުކުމް މެދުވެރިކޮށް ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ. އަދި މިހާރު ފުލުހުން ދަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު މަޖިލީހަށް ވަތް މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ތަހުގީގު ހިންގަމުންނެވެ.
އޭގެ ތެރޭގައި ހިމެނޭ ވިލިނގިލީ ދާއިރާގެ މެންބަރު ސުއުދު ހުސެނާއި މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ގެ މައްސަލަ ތަހްގީގު ކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުންދާ ބައެއް އިދިކޮޅު މެމްބަރުން ވަނީ، މިއީ އިދިކޮޅު މެމްބަރުންތަކެއްގެ ގޮނޑިތަކެއް ގެއްލުވާލުމަށް ސަރުކާރުން ރާވައިގެން ހިންގަމުންދާ ކަމަށް ބުނަމުންނެވެ.