21 Jul 2011, 15:32
ކާބޯތަކެތީގެ އަގުތައް މަތި ނުވެ އެއްވަރެއްގައި ބެހެއްޓުމަށް މިއަހަރުގެ ރޯދަ މަހު ތިން ގުނަ އިތުރަށް ފިޔައާއި ބިސް އަދި އަލުވި ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ، ރޯދަ މަހު އެންމެ ބޮޑަށް އަގުތައް އުފުލޭ ބިސް، ފިޔާ އަދި އަލުވީގެ އަގު އެއްވަރެއްގައި ބެހެއްޓުމަށް ރޯދަ މަހަށް ހާއްސަ ކޮށްގެން ތިން ޝިޕްމަންޓެއް ރާއްޖެ އެތެރެކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓް މިރޭ އަންނާނެ ކަމަށާއި ދެވަނަ ޝިޕްމަންޓް އަންނާނީ އަންނަ ބުދަ ދުވަހު އަދި ތިން ވަނަ ޝިޕްމަންޓް އަންނަ މަހުގެ ފަހެއްގައި ރާއްޖެ އަންނާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"މިޝިޕްމަންޓްތައް މި ގެންނަނީ މިދިޔަ އަހަރާ އަޅާބަލާ އިރު ތިން ގުނަ އިތުރަށް. އަދި މީގެން އެއް ޝިޕްމަންޓް ރޯދަ މަހުގެ ތެރޭގައި ގެނައުމުގެ ބޭނުމަކީ ވެސް ޑިމާންޑާ އެއްވަރަށް ތަކެތި ބާޒާރަށް ނެރުން. ރޯދަ މަހުގެ ފަހުން އަންނަ ޝިޕްމަންޓު ގެންނާނެ އަދަދެއް އަޅުގަނޑުމެން އަދި ނުނިންމަން. އެއީ ޑިމާންޑަށް ބަލާފައި ގެންނަން،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން މިރޭ ރާއްޖެ ގެންނަ ޝިޕްމަންޓުގައި 1400 ކޭސް ބިހާއި 8000 ބަސްތާ ފިޔާ އަދި 4000 ބަސްތާ އަލުވި ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ހުރިހާ އެއްޗެއް ބާޒާރަށް ނެރުމަށް ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހު އެވެ.
"އޭގެ ސަބަބުން ރޯދަމަސް އަންނަން ވާއިރަށް ޑިމާންޑާއި އެއްވަރަށް އަގުތަށް ބޮޑުވެގެންނެއް ނުދާނެ،" ޝާހިދު ވިދާޅުވި އެވެ.
ރޯދަ މަސް އައުމަށް ހަފްތާއެއްހާ ދުވަސް ބާކީ އޮތް އިރު ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އިތުރު 24 އައިޓަމެއް ވެސް ރާއްޖެ ގެނެސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭގެތެރޭގައި މާޖިރީން ދަޅުކާނާ އަދި ކުކިން އޮއިލްގެ ބާވަތްތައް މިހާރު ވެސް މާކެޓުގައި ހުރި އަގަށް ވުރެ ހެޔޮކޮށް ސުޕަމާކެޓުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަކެތި އަގުހެޔޮވިނަމަވެސް މިއީ އެ ގައުމުތަކުން ކޮލިޓީ ބަލާފައި ހުރި އެއްޗިހި. ހަމަ ރަނގަޅު ކޮލިޓީގެ އެއްޗިހި،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯއިން ރޯދަމަހަށް ހާއްސަ ކޮށް ގެން ބައެއް ކާބޯތަކެތި ބާޒާރަށް ނެރޭ އިރު ފިޔާ ބިސް އަދި ތަރުކާރީގެ ބާވަތްތަކުގެ އަގުވަނީ ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފަ އެވެ.
މިހާރު ބާޒާރުގައި ބިހުގެ އަގުހުރި ގޮތަށް ބަލާއިރު 200ރ. ވިއްކި ބިސް ކޭހެއްގެ އަގުވަނީ 500ރ. އަށް އުފުލިފަ އެވެ. އަދި ފިޔާ ކިލޯއެއް މިހާރު އުޅެނީ 25ރ އަށެވެ. މީގެ ހަފްތާއެއް ކުރިން ފިޔާ ކިލޯއެއް ވިއްކީ 12ރ. އަށެވެ.