ފަހު ވަގުތު ށ. މިލަންދޫ އަތުން މާލޭ ލީގުގެ ރަނަރަޕް ކްލަބު ގްރީން ސްޓްރީޓް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މިލަންދޫގެ މައްޗަށް ގްރީނުން ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމަށް ގްރީނުން ގެނައި މުހިންމު ކުޅުންތެރިންތައް ފެނިގެންދިޔައެވެ. އެގޮތުން ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ)އާއި މުޚްތާރު ނަސީރު (ޓޫކިލޯ)، ގްރީންގެ ފުރަތަމަ 11އިން ފެނިގެންދިޔައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗު ފެށިތާ ހަތަރު މިނެޓް ފަހުން ގްރީނުން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ފަރުހާދު އިސްމާއިލް (ފަރޭ) ނަގައިދިން ހުރަހަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މިލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ފަސޭހަކަމާއެކު މުހައްމަދު އިމްރާން ބަލަހައްޓަމުންދިޔަ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ގްރީންގެ އެ ލަނޑަށްފަހު މިލަންދޫން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މިލަންދޫގެ ކެޕްޓަން އިސްމާއިލް ފަތުހީ ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ދެ ހަމަލާ ވެސް އަމާޒުވީ ގްރީންގެ ގޯލްކީޕަރު ޔުން ކޮޗީއާ ދިމާލަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ގްރީނަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. މިލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސުބޮލް އިލިއާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ގްރީން ކުރީގައި އޮވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 63 ވަނަ މިނެޓުގައި މިލަންދޫން ވަނީ ލަނޑެއްޖަހާ ގްރީން ހާސްކަމުގެ ތެރެއަށް ވައްޓާލައިފައެވެ. ގްރީންގެ ކީޕަރު ޔުން ކޮޗީއަށް ހެދުނު ބޮޑު ގޯހަކުން މިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފަތުހީއެވެ. ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ފަތުހީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު ކޮޗީގެ ބޯ މަތިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ގްރީނުން ވަނީ ލަނޑެއްޖަހާ އަލުން ލީޑު ހޯދައިފައެވެ. އައްމަޑޭ ނަގައިދިން ހުރަހަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިލިއާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މިލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި އއ. މާޅޮހެވެ.