06 Aug 2017, 17:25
ދިވެހި ރައްޔިތުންގެ ދީނީ އަދި ގައުމީ ރޫހު އާލާކޮށް ދިރުވުމަށްޓަކައި "ތަރިކަ"އިގެ ނަމުގައި ސަރުކާރުން ފަށައިފައިވާ މަޝަރޫއުގައި ބޭނުން ކުރާ ލޯގޯ ސަރުކާރުގެ ރަސްމީ ލިޔުންތަކާއި ސިޓީތަކުގައި ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، [ތަރިކަ] މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ހަމަޖައްސައިފައި ވަނީ މި މަހުގެ 15 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. އަދި އެ ލޯގޯ ބޭނުން ކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އަދި އޭގެ އިތުރުން ދައުލަތުން ބާއްވާ "ތަރިކަ" އާއި ގުޅުން ހުރި ހަރަކާތް ތަކުގައި ވެސް އެ ލޯގޯ ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ހާއްސަ ކޮމެޓީއެއްގެ ދަށުން ފަށައިފައިވާ އެ މަޝްރޫއު އިފްތިތާހް ކޮށްފައި ވަނީ މިއަހަރުގެ މާޗް ހައެއް ގައެވެ. އެ ކޮމިޓީގެ މުގައްރިރަކީ ރައީސް އޮފީހުގެ ފަރާތުން ކޮމިޓީއަށް އައްޔަނު ކުރައްވާފައި ހުންނަވާ، ގައުމީ އިނާމު ކޮމިޓީގެ މުގައްރިރު، ކުރީގެ ވަޒީރު އަބްދުއްރަޝީދު ހުސައިނެވެ.
ރަސްމީ ސިޓީތަކާ ލިޔުންތަކުގައި އެ ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރި އެވެ.