މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީޕީއެމްއާ އަލަށް ގުޅުނު 1761 މީހެއްގެ ފޯމް ހަވާލުކުރެއްވުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ އާލާތްތައް ތައްޔާރުކޮށް ނިމުމުގެ ކުރިން ސުޕްރީމް ކޯޓުންނާއި އިސްލާމިކް ކައުންސިިލުން މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

"ސެޕްޓެމްބަރު މަހުގޭ ނިޔަލާ ހަމައަށް ދާންވާއިރަށް އަޅުގަނޑަށް ހޯމް މިނިސްޓަރު ކަށަވަރުކަން ދެއްވާ ދިވެހި ރާއްޖޭގައި މަރު ތަންފީޒުކުރުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި ނިމޭނެ ކަމަށް، އެތަނަށް ބޭނުންވާ ވަސީލަތްތައް ޖަމާކުރުމާއި މިހުރިހާ ކަމެއް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރާނީ ވާރިސުންގެ ބަހާއި އިސްލާމިކް ކައުންސިލުންގެ ލަފަޔާއި އެކު އެކަން ކުރަން ޖެހޭ ބައެއްގެ މައްޗަށް ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ތިން މީހަކު މެރުމަށް ދަށު ކޯޓުން ކުރި ހުކުމްތައް ދަމަހައްޓާފަ އެވެ.

ޝަރުއީ މަރުހަލާގެ އެންމެ ފަހު ހުކުމް ކުރާ ސުޕްރީމް ކޯޓުން މެރުމަށް ހުކުމްކޮށްފައި ވަނީ ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ހ. ލޮބީ ހުސައިން ހުމަމް އަހުމަދާއި ގާނޫނީ ވަކީލެއް ކަމަށްވާ އަހުމަދު ނަޖީބު މަރާލުމުގައި ބައިވެރިވި މ. މަސްރޫރާ އަހްމަދު މުއްރަތާއި 2009 ވަނަ އަހަރު މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލިކަން ސާބިތުވި ގ. ރީފް މުހައްމަދު ނަބީލުގެ މައްޗަށެވެ.