ތެހެރާން (ޖުލައި 21) : އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެގެން އުޅުނު އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވައްޓާލައިފި އެވެ.

އީރާނުގެ ރަސްމީ ފަރާތަކާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ޕައިލެޓަކާ ނުލާ އުދުހުނު އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވައްޓާލާފައި ވަނީ އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެ އީރާނުގެ ނިއުކްލިޔާ ލެބޯޓްރީއެއް ހުންނަ ސަރަހައްދެއް ކަމަށްވާ ފޯރްޑޯ އާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އެމެރިކާގެ މިބޯޓު ވައްޓާލާފައި ވަނީ އީރާނުގެ އިނގިލާބީ ލަޝްކަރުތަކުގެ ވައިގެ ދިފާއީ ޔުނިޓަކުން ދިން އެންޓި އެއާކްރާފްޓް ރޮކެޓް ހަމަލާއަކުން ކަމަށްވެސް އީރާނުގެ ރަސްމީ ވެބްސައިޓަކާ ހަވާލާދީ ރޮއިޓާސް ބުނެ އެވެ.

އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވައްޓާލާފައި މިވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ކަންތައް އަވަސް ކުރުމަށްޓަކައި ހައިޓެކް ނިއުކްލިޔާ ސެންޓް ރިފިއުޖްގެ މެޝިންތަކެއް އީރާނުގެ ނިއުކްލިޔާ ރިއެކްޓާ ތަކާއި ލެބޯޓްރީ ތަކުގައި ހަރުކުރަމުން ގެންދާކަން އީރާނުން ހާމަކޮށްފައި ވަނިކޮށެވެ. އަލަށް ހަރުކުރާ ހައިޓެކް ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކުން ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް މިހާރަށްވުރެ އެތައް ގުނައެއްގެ އަވަސް މިނުގައި ކުރިޔަށް ގެންދެވޭނެ ކަމަށް އީރާނުން ބުނެ އެވެ.

އީރާނުގެ ފޯރްޑޯ ސަރަޙައްދުގެ ފަރުބަދަތަކުގެ އަޑީގައި ޔޫރޭނިޔަމް ފައްކާކުރާ ނިއުކްލިޔާ ސިއްރު ލެބޯޓްރީއެއް ހުރިކަން 2009 ވަނަ އަހަރު ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ހާމަކޮށްފައިވެ އެވެ. އީރާނުންވެސް ވަނީ އެސަރަޙައްދުގެ ފަރުބަދަތަކުގެ އަޑީގައި ނިއުކްލިޔާ މަރުކަޒެއް ހުރި ކަމަށް ފަހުން އެއްބަސްވެފަ އެވެ. އީރާނުން އިއްޔެ ވައްޓާލި އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުގެ މިސްރާބު ހުރީ އެސަރަހައްދަށް ކަމަށް އީރާން ބުނެ އެވެ.

އީރާނުން ވަނީ މިދިޔަ ޖަނަވަރީ މަހުވެސް އެމެރިކާގެ ޖާސޫސީ ދެމަތިންދާ ބޯޓު ވައްޓާލިކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ އެދެ ބޯޓު ވެއްޓުނު ކަމަށް ބުނެފަ އެވެ. ނަމަވެސް ވެއްޓުނީ ފަންނީ މައްސަލައަކާ ގުޅިގެން ކަމަށް ވަނީ ބުނެފަ އެވެ. (ރޮއިޓާސް)