06 Aug 2017, 15:52
ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން މި މަހުގެ ފަހުކޮޅު ވިއްކަން ނިންމާފައިވާ ސުކޫކު، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އިން ތައްޔާރުކުރި ސެލްފް ސާވިސް އޮންލައިން ޕޯޓަލް "އިންފިނިޓީ" ތައާރަފުކުރީ މިއަހަރުގެ މެއި މަހުގެ ކުރީކޮޅު އެވެ. "އިންފިނިޓީ" ޕޯޓަލް ތައާރަފުކޮށް، ބޭނުންކުރަން ފެށީ އެދުވަސްވަރު ކުރިޔަށް ގެންދިޔަ އުރީދޫ މޯލްޑިވްސް ޕލކގެ އައިޕީއޯއާ ދިމާކޮށެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް ސްޓޮކް އެކްސްޗޭންޖް އޮޕަރޭޝަންސް ފާތިމަތު ލަމްހާ ވިދާޅުވީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "އިންފިނިޓީ" ވެބް ޕޯޓަލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ވިއްކުން ކުރިޔަށް ދާނެ ކަމަށެވެ.
އަދި މިއަދުން ފެށިގެން "އިންފިނިޓީ" މެދުވެރިކޮށް، އެޗްޑީއެފްސީގެ ސުކޫކުގެ މައުލޫމާތު ހިމެނޭ ޕްރޮސްޕެކްޓަސްވެސް ފެންނާނެ ކަމަށް ލަމްހާ ވިދާޅުވި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ގިނަ ބަޔަކު ޚިދުމަތް ހޯދާފައިވާ ކަމަށެވެ.
"އުރީދޫ ސަބްސްކްރިޕްޝަނާ ދިމާކޮށް އިންފިނިޓީ ލޯންޗުކުރީ. އޭގެން 2،100 އަށް ވުރެ ގިނަ އެކައުންޓް ހުޅުވާފައިވޭ، އިންފިނިޓީ މެދުވެރިކޮށް 560،000 ހިއްސާ ގަނެ، 17 މިލިޔަން ރުފިޔާގެ މުއާމަލާތް ހިނގާފައިވޭ. މިއީ މުޅި ސިސްޓަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" މަނިކު ވިދާޅުވި އެވެ.
އެޗްޑީއެެފްސީގެ އިސްލާމިކް ވިންޑޯ، އެޗްޑީއެފްސީ އަމްނާއިން ސުކޫކު ނުވަތަ އިސްލާމިކް ބޮންޑު ވިއްކަން ހަމަޖެހިފައި ވަނީ އޯގަސްޓް 24 އިން އޮކްޓޫބަރު 18ގެ ނިޔަލަށެވެ.
އެޗްޑީއެފްސީން މުޟާރަބާ ސުކޫކު ވިއްކަނީ 1،000 ރުފިޔާ އަށެވެ. އެގޮތުން، 150،000 ސުކޫކު ވިއްކައިގެން 150 މިލިޔަން ރުފިޔާގެ ރައުސުލްމާލެއް ހޯދުމަށް އެޗްޑީއެފްސީން އަމާޒުކުރެ އެވެ.
މި ފައިސާ ބޭނުންކުރަނީ ހައުސިންގް ފައިނޭންސިންގްގެ ގޮތުގައި އެޗްޑީއެފްސީން އަމްނާއިންދޭ، ޝަރީޢާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށެވެ.
ސުކޫކު ގަތުމަށް ހޭދަކުރާ ފައިސާއިން ލިބޭ ފައިދާގެ 65، ސުކޫކު ގަތް ފަރާތަކަށް ލިބޭނެ އެވެ. ބާކީ 35 ޕަސަންޓު ލިބޭނީ އެޗްޑީއެފްސީއަށެވެ. ކޮންމެ ހަ މަސް ދުވަހަކުން އެއް ފަހަރު މިފަދައިން ފައިދާ ބަހާނެ އެވެ.
މި ސުކޫކުގެ މެޗުއަރިޓީ މުއްދަތަކީ 10 އަހަރެވެ. މާނައަކީ، ސުކޫކު ގަންނަތާ 10 އަހަރު ފަހުން، އެ ސުކޫކު ގަތުމަށް ހޭދަކުރި ފައިސާ، ސުކޫކު ގަތް ފަރާތަށް އަނބުރާ ލިބޭނެ އެވެ.