06 Aug 2017, 14:42
ކ. މާފުށީގައި މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަންގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއްގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހިފަހައްޓައި ޗެކް ކުރަން އުޅުމުގެ ތެރޭގައި މާފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ރައްޒާން، 19، އަށް ދިން ހަމަލާ އަމާޒުވެފައި ވަނީ އޭނާގެ ކުރިމަތިން ވާއަތު ކޮނޑާ މެއާ ދޭތެރެއަށެވެ.
އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިން ބުންޏެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ، ރައްޒާނަށް ވަޅިން ދިން ހަމަލައާ ގުޅިގެން ކުރެވުނު އޮޕަރޭޝަންގައި ފާހަގަ ކުރެވިފައި ނެތް އިތުރު ގެއްލުންތަކެއް ފުއްޕާމެއަށް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ނަށް ލަފާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ލިބިފައި ވަނީ ކޮންކަހަލަ ގެއްލުންތަކެއް ކަމަށް ބުނެފައެއް ނުވެ އެވެ.
"ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ވަނީ ނިންމާފައި. މި އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ދަނީ ތައްޔާރު ވަމުން،" ފުލުހުން މީޑިއާ އިން މިއަދު ބުންޏެވެ.
މާފުށީ އޮޕަރޭޝަންގައި ރައްޒާނަށް ހަމަލާދިން ހ. ކުއްޅަވައްމާގެ އުމުރުން 31 އަހަރުގެ އަޒުހަރު އިބްރާހިމް އާއި 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް އަދި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ފުލުހުން ހައްޔަރު ކުރި އެވެ.
އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ކުޑަކުއްޖާ ރޭ ޖުވެނައިލް ކޯޓުން ދޫކޮށްލިއިރު، ހަމަލާދިން އަޒުހަރުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އަނެއް ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފަ އެވެ.