06 Aug 2017, 12:58
ބަޔާން މިއުނިކުން އަދި ހާސްވާން ނުޖެހޭ ކަމަށާއި ޖަރުމަން ބުންޑަސްލީގާ ދިފާއު ކުރެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.
ޖަރުމަން ސުޕާ ކަޕްގައި އުނދަގޫކަމާ އެކު ޕެނަލްޓީ ޖަހައިގެން ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދައި، ބަޔާނުން ވަނީ ހަ ވަނަ ފަހަރަށް އެ ކަޕް ހޯދައިފަ އެވެ. އޭގެ ކުރިން ޕްރީ ސީޒަންގައި ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގެ ތެރެއިން ބަޔާން ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. އޭގެ ތެރޭގައި އޭސީ މިލާން އަދި ލިވަޕޫލް އަތުން ލިބުނު ނާކާމިޔާބީ ފާހަގަކޮށްލެވެ އެވެ.
ރޭ ކުޅުނު ޖަރުމަން ސުޕާ ކަޕްގެ މެޗުގައި ކްރިސްޓިއަން ޕުލިސިޗްގެ ލަނޑުން ޑޯޓްމަންޑުން ކުރި ހޯދާފައި ވަނިކޮށް ރޮބާޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ޕިއެރޭ އެމެރިކް އޮބަމަޔާން، ޑޯޓްމަންޑަށް އަލުން ލީޑު ހޯދައިދީފައި ވަނިކޮށް ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ބަޔާން ސަލާމަތްވީ ޑޯޓްމަންޑްގެ ކީޕަރު ރޯމަން ބުރްކީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޕެނަލްޓީގައި ބަޔާން މޮޅުވީ 4-5 ލަނޑުންނެވެ.
"ހަމަ ޔަގީނުން ވެސް ބުންޑަސްލީގާގެ ތަށި އަހަރެމެންނަށް ވަރަށް މުހިންމު. މެޗުގައި އަހަރެމެން ކުޅުނީ ވަރަށް ވިސްނައިގެން. ނަތީޖާއާ މެދު އުފާކުރަން. އަހަރެމެންގެ ޕްރީ ސީޒަން އެހާ ރަނގަޅަށް ނުދިޔަ ކަމުގައިވިޔަސް، ހާސްވާކަށް ނުޖެހޭ. ސީޒަން ފެށުމުން އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ،" ބަޔާންގެ ކޯޗު އެންޗެލޮޓީ ބުންޏެވެ.
ޖަރުމަން ސުޕާ ކަޕްގެ ހީރޯގެ ގޮތުގައި ފާހަގަކޮށްލެވުނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ގޯލްކީޕަރު މެނުއެލް ނޯޔާގެ ބަދަލުގައި ބަޔާންގެ ގޯލު ބެލެހެއްޓި ކީޕަރު ސްވެން އުލްރޭޗް އެވެ. އޭނާ ވަނީ ޑޯޓްމަންޑްގެ ސަބެސްޓިއަން ރޯޑޭ އަދި މާކް ބާޓްރާ ފޮނުވާލި ޕެނަލްޓީ މަތަކޮށްފަ އެވެ.
ރޭގެ މެޗުގައި ބަޔާންގެ ގޯލު ބެލެހެއް އުލްރޭޗް ބުނީ، ޕްރީ ސީޒަން ރަނގަޅަށް ނުދިޔަ ކަމުގައިވިޔަސް އެ މެޗުގައި ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ހާއްސަކޮށް އެ ޓީމުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވާނެ ކަމަށެވެ.
"ފުރަތަމަ ހާފުގައި އަހަރެމެންނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ. އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް އަހަރެމެން ހިފަން ޖެހޭ. ޑޯޓްމަންޑުން ޖެހި ދެ ލަނޑަކީ އަހަރެމެންނަށް ހެދުނު ގޯސްތަކުން ވަދެފައިވާ ދެ ލަނޑު. ފަހުން އަހަރެމެން ހިތްވަރު ދައްކައި، އަހަރެމެން ބޭނުންވި ނަތީޖާ ނެރުނީ. އަހަރެމެން މިގޮތުގައި ކުރިއަށްދާން އެބަޖެހޭ،" އޭނާ ބުންޏެވެ.
މިފެށޭ ސީޒަންގެ ބުންޑަސްލީގާގެ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން ނުކުންނަން ޖެހޭނީ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބަޔާންގެ އަމިއްލަ ދަނޑުގަ އެވެ.