ރާއްޖޭގައި ދެ ވަނަ އަށް ރަޖިސްޓްރީ ކުރި ރޭޑިއޯ ޗެނަލް، ދިއެފްއެމްގެ އެޑިޓޯރިއަލް ޕޮލިސީ ހަރުދަނާކޮށް، އެއްބަސްވުމުގައިވާ އުސޫލްތަކާ އެއްގޮތައް ބްރޯޑްކާސްޓްކުރުމަށް، ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަނަށް އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިއެފްއެމް ރޭޑިއޯ އިން ފޮނުވި "ދިއެފްއެމް ވިޝުއަލް ރޭޑިއޯ"ގެ ޕްރޮގްރާމެއްގައި ދި ޓީވީން ލައިވް ކުރި އިރު މުޖުތަމައުގެ އަދަބު އަޚުލާގުގެ އާއްމު މިންގަނޑަށް ނުފެތޭ ދަށު ދަރަޖައިގެ ބަހުރުވަ ތަކުރާރުކޮށް ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެ ސްޓޭޝަނުން ބޭނުން ކުރި ދަށު ދަރަޖައިގެ ބަހުރުވައަކީ ކޮބައިކަމެއް ބްރޯޑް ކާސްޓިން ކޮމިޝަނަކުން ނުބުނެ އެވެ.

ކޮމިޝަނުން ބުނެފައި ވަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބްރޯޑްކާސްޓަރުންނާ ބައްދަލުކޮށް އެޅިދާނެ ފިޔަވަޅުތަކާ މެދު ކައުންސިލުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ ބްރޯޑްކާސްޓަރުން، ބްރޯޑްކާސްޓް ކުރާ ކޮންޓެންޓަކީ މުޖުތަމައުގެ އަހުލާގީ މިންގަނޑަކަށް ފެތޭ އެއްޗަކަށް ވާން ޖެހޭނެ ކަމަށެވެ.

"ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ އެއްބަސްވުމުގެ ހަތަރު ވަނަ ޖަދުވަލުގައިވާ ހަމަތަކާއި މިންގަނޑުތަކަށް ފެތޭ އެއްޗަކަށް ވާން ޖެހޭނެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑަކަށް ނުފެތޭ ބަސްތަކާއި، އިޝާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް، ބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓްގެ ތެރޭގައި ހިމެނިގެން ނުވާނެ،" މީޑިއާ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަޔާނުގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ހުރިހާ ބްރޯޑްކާސްޓަރުން އަމަލުކުރޭތޯ ބެލުމަކީ ކޮމިޝަނުގެ ޒިންމާއެއް ކަމަށް ވާތީ، އެޑިޓޯރިއަލް ޕޮލިސީ ހަރުދަނާ ކޮށްގެން، ހަމަތަކާއި އުސޫލުތަކަށް ފެތޭ ގޮތަށް ބްރޯޑްކާސްޓްކުރަން ދިއެފްއެމް އާއި ދި ޓީވީއަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި މިކަން ވާނީ އެހެން ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް ވެސް ގެނެސްފައި ކަމަށް ވެސް އެކޮމިޝަންގެ ބަޔާނުގައިވެ އެވެ.