19:00


ގއ.ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، މިފްކޯގެ ބެލުމުގެ ދަށުން ހިންގިއިރު އެތަނުން 80 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ބުނެ އެކަމުގެ ސަބަބު އޮޅުންފިލުވުމަށް ޑީއާރުޕީން ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އަށް ސިޓީއެއް ފޮނުވައިފި އެވެ.


ޑީއާރުޕީގެ މަސްވެރިންގެ ގޮފީގެ ރައީސް އަލީ ސޯލިހު މިއަދު ފޮނުއްވި ސިޓީގައި ވަނީ މިފްކޯއަކީ މިހާތަނަށް މަސްވެރިކަމުގެ ސިނާއަތުން ރައްޔިތުންނަށާއި ދައުލަތަށް ގިނަ ގުނަ ނަފާތަކާއި ކުރިއެރުންތަކެއް ހޯދާފައިވާ ކުންފުންޏެއް ކަމަށާއި ނަމަވެސް ދާދިފަހުން އެތަނުން 80 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް ލިބުނު ހަބަރަކީ ހައިރާންކަމެއް ގެނުވި ހަބަރެއް ކަމަށެވެ.


ޑީއާރުޕީން ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ ކޫއްޑުއަށް ގެއްލުންވެގެން ދިޔައިރު ފިޝަރީޒް މިނިސްޓްރީން އެކަން ބެލި މިންވަރަކާއި އެ ކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އިތުރު ގެއްލުމެއް ލިބިދާނެކަން ނުވަތަ ނޫންކަން ސާފުކޮށްދީ އެތަނުގެ ހިންގުން މިހާރު ސަރުކާރުން ތަރުތީބުކޮށްފައިވާ ގޮތެއް ސާފުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.


ކޫއްޑޫއަކީ މިހާތަނަށް މުޅި ދެކުނު ސަރަހައްދުގެ މަސްވެރި އާއިލާތަކަށާއި މުޅި ރައްޔިތުންނަށް ހިނިތުންވުމާއި ފާގަތިކަން ގެނެސްދީފައިވާ، އެ މީހުންގެ ބަހުން ނަމަ "މަސްވެރިންގެ އެކުވެރިޔާ" ކަމަށާއި ނަމަވެސް ކުއްލިއަކަށް ތަނުގެ ހިންގުން ހުއްޓި ނުވަތަ ތަނުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންގެ ވަޒީފާތައް ގެއްލުމުގެ ބިރުހީވެ، ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން މަޖުބޫރިވި ހިސާބަށް ކަންތައްތައް ދިއުމުގެ ސަބަބު ސާފުކޮށް އަދި ކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އެކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަކީ އެ ވުޒާރާގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.


އެ ސިޓީއާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރުގެ ބަހެއް ހޯދުމަށް ގުޅާލުމުން ވިދާޅުވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބުދުﷲ ނަސީރާ ގުޅާލުމަށެވެ. އޭނާ ވިދާޅުވީ އަދި އެ ސިޓީ ފެނިވަޑައިގެންފައިނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ސިޓީ ފެނިވަޑައިގަތުމުން ކަމަށެވެ.