06 Aug 2017, 12:44
އދ. (އޮގަސްޓް 6): އުތުރު ކޮރެއާގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން އެގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ގަރާރެއް ފާސްކޮށްފި އެވެ.
އުތުރު ކޮރެއާ އިން އެކްސްޕޯޓް ކުރާ މިންވަރާއި އެގައުމާ ގުޅިގެން އިންވެސްޓް ކުރުން މަދު ކުރަން އަންގާފައިވާ އެފިޔަވަޅުތަކަކީ "އެއްވެސް އިރެއްގައި އެއްވެސް ގައުމަކާ ދެކޮޅަށް އެޅި އެންމެ ހަރުކަށި ފިޔަވަޅުތައް" ކަމަށް އދ.އިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ވިދާޅުވި އެވެ.
މިދިޔަ މަހު ދެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފައިވާ އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅީ ސަލާމަތީ މަޖިލީހުގެ އިއްތިފާގުންނެވެ. އަދި އެފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާއަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ތަކުރާރުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެގައުމުން ވަނީ މިސައިލް އަދި ނިއުކްލިއާ ޓެސްޓުތައް ކުރުން ހުއްޓާލަން ދެކޮޅު ހަދާފަ އެވެ. (ބީބީސީ)