ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ އޭނާ މިއަދު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާތީއެވެ.

ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކުރީ މިއަދު 10:30 އަށެވެ. އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ދެން އެ މައްސަލާގައި އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަދެއްކުން ކަމަށް ގާސިމްގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވަނީ ވިދާޅުވެފައެވެ.

ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ބުރާސްފަތި ދުވަހު ވިދާޅުވީ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފައި ވަނީ ކޯޓުގެ ގާޒީންނަށާއި މުވައްޒަފުންނަށް މަރުގެ އިންޒާރު ދެމުންދާތީ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި ކަމަށެވެ. އަދި އެކަމަކީ އެހެން ބަޔަކު ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ގާސިމް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިކެޓު އެ މެމްބަރަކަށް ދިނުމުގެ އިތުރުން އެހެނިހެން ގޮތް ގޮތުން ވެސް އެހީތެރިވެދެއްވާނެ ކަމަށެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ގާސިމްގެ މައްޗަށް ވަނީ އުފުލާފަ އެވެ. ނަމަވެސް އެ ދެ މައްސަލައިގެ ޝަރީއަތް އަދި ކުރިއަށް ނުގެންދެއެވެ.