ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މަންމަ، ނާސިރާ އަހްމަދު ނިޔާވެއްޖެއެވެ.

ސައުދުގެ މަންމަ ނާސިރާ އަހްމަދު ނިޔާވީ މިއަދު 9:15 ހާއިރު، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނިޔާވިއިރު އުމުރުފުޅަކީ 64 އަހަރެވެ.

ސައުދުގެ މަންމަ ނިޔާވީ ފުރަމޭ ހަލާކުވެގެން، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ނާސިރާ ނިޔާވި އިރު ސައުދު މިވަގުތު ހުންނެވީ ފުލުހުންގެ ހައްޔަރުގައެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ސައުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ސައުދު ހައްޔަރުކުރުމުގެ ކުރިން އޭނާ ދިޔައީ، މަންމަގެ ފުރަމޭގެ ޓްރާންސްޕްލާންޓެއް ހެދުމަށްޓަކައި އިންޑިއާއަށް ވަޑައިގަތުމަށް ތައްޔާރުވެލައްވަމުންނެވެ.