21 Jul 2011, 15:17
އިންޑިއާގެ އެއާޓެލް ކުންފުނިން މިހާތަނަށް ބޭނުންކުރަމުން ދިޔަ ސެޓަލައިޓް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާތީ، ރާއްޖެ އަށް ސިގްނަލް ދަށްވެ، އަންނަ މަހު މުޅިން އެއްކޮަށް ސިގްނަލް ކެނޑޭނެ ކަމަށް ލަފާކުރެވޭތީ، އެއާޓެލް ބޯތަށިތައް ރާއްޖޭގައި ވިއްކުން ހުއްޓާލައިފި އެވެ.
ޑިޖިޓަލް ޓީވީ އާއި އެއާ ގުޅޭ ސާމާނު ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި ޑިސްޓްރިބިއުޓް ކުރާ ސެޓް ޑައިރެކްޓުގެ ޓެކްނީޝަނަކު މިއަދު ބުނީ އެއާޓެލްގެ ސެޓަލައިޓް "އެސްއީއެސް 2" އިން "އެސްއީއެސް 7" ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން މި މަހުގެ ތެރޭގައި ފެށުމާ އެކު އެއާޓެލްގެ ސިގްނަލް ރާއްޖެއަށް ދަށްވެފައިވާ ކަމަށެވެ.
"ދުވާލަކު 100 ވަރަކަށް ކަސްޓަމަރުން އެބައާދޭ ސިގް ނަލް ކެނޑިގެން. އެއާޓެލްއިން ސެޓަލައިޓް ޝިފްޓް ކުރާތީ އެގޮތަށް އެހެން ވަނީ،" ޓެކްނީޝަން ބުންޏެވެ.
އަންނަ މަހުން ފެށިގެން އެއާޓެލްގެ ސިގްނަލް އެ ކުންފުނިން ވިއްކާ ދެ ފޫޓުގެ ކުޑަ ބޯތަށިން އެއްގޮތަކަށް ވެސް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.
"ދެން ޖެހޭނީ ވަކިން ހަ ފޫޓު ބޯތައްޓެއް ޖަހަން. އޭރުން އެއާޓެލް އަގު އުފުލޭނެ 6000ރ އަށް. އެއަގު ހަރަދުކޮށްގެން މީހުންނެއް އެއެއް ނުގަނޭ. އެހެންވެ އަޅުގަނޑުމެން އެއާޓެލް މިކޮޅަށް ގެނައުން ހުއްޓާލައިފިން މި މަހުން ފެށިގެން،" ޓެކްނީޝަން ބުންޏެވެ.
މީގެ ކުރިން އެއާޓެލް ސިގްނަލް ނަގަމުން އައީ އެއާޓެލް އިން އިން ވިއްކާ ދެ ފޫޓުގެ ބޯތައްޓަކުންނެވެ. އޭރު އެއާޓެލްގެ އަގަކީ ގާތްގަނޑަކަށް 1000ރ އެވެ.
އެއާޓެލްގެ ސިގްނަލް ކެނޑުމާ އެކު ޑިޖިޓަލް ޓީވީގެ ވިޔަފާރިކުރާ ފަރާތްތަކުން މިހާރު ވަނީ އިންޑިޔާގެ ޓީވީ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ "ވީޑިއޯކޯން" ރިސީވަރުތައް ވިއްކަން ފަށައިފަ އެވެ.
އެއާޓެލް ވިއްކުމާ އެކު ރާއްޖޭގައި ހުއްދަނަގައިގެން ކޭބަލް ޓީވީގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ އެމީހުންގެ ވިޔަފާރިއަށް ގެއްލުންވާތީ ނުރުހުން ފާޅުކޮށަފަ އެވެ. ނަމަވެސް ސަރުކާރުން އެކަން ހުއްޓުވާފައެއް ނުވެ އެވެ. އެއާޓެލް އަކީ އިންޑިއާގެ ސަރަހައްދުގައި އެކަނި ޓީވީގެ ހިދުމަތްދެމުން އަންނަ ކުންފުންޏެކެވެ.