06 Aug 2017, 09:52
ސްރީލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކަ އިސްތިއުފާ ދެއްވުމަށް އެގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އަންގަވައިފިއެވެ.
މިވަގުތަކީ ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކަގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅިފައިވާ ދަނޑިވަޅެކެވެ.
ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި މިނިސްޓަރު ރަވީ ކަރުނާނަޔަކަގެ ގިނަ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން ފެންމަތިވި އެންމެ ބޮޑު މައްސަލައަކީ ލަންކާގެ މަރުކަޒީ ބޭންކުން ބޮންޑުތަކެއް ވިއްކި މައްސަލައެވެ. މަރުކަޒީ ބޭންކުން ބޮންޑު ވިއްކީ، އެ އިދާރާގެ ގަވަރުނަރު އަރުޖުނާ މަހެންދްރަންގެ ދަނބިދަރި އަރުޖުން އަލޮއިސިއަސްއަށެވެ. ބައެއް މީހުން ބުނެފައިވާ ގޮތުން، 2016 ވަނަ އަހަރު ރަވީއާއި އޭނާގެ އާއިލާ ދިރިއުޅެމުން އައި ޕެންޓްހައުސްގެ ކުލި ދައްކައިދިނީ އަލޮއިސިއަސްއެވެ.
މި މައްސަލައިގެ އިތުރުން، ފޮރިން މިނިސްޓަރު ރަވީ ދާދި ފަހުން ވަނީ އޭނާގެ ރަސްމީ ގޭގެ ގޮތުގައި ދައުލަތުން ގެދޮރު ހަމަޖައްސަވައިދިނުމަށްވެސް ރައީސް ސިރިސޭނާގެ ކިބައިން އެދިވަޑައިގެންފައެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި އޮތް ހަފްލާއެއްގައި ރައީސް ސިރިސޭނާ ވަނީ ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކައާ ބައްދަލުކުރައްވައިފައެވެ.
ރައީސް ސިރިސޭނާ ވިދާޅުވީ، ކެބިނެޓު މިނިސްޓަރެއްގެ ގޮތުގައި ރަވީ އިތުރަށް ދެމިހުންނަވައިފި ނަމަ އޭނާގެ އިތުރަށް ސްރީލަންކާގެ ސަރުކާރަށްވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އެހެންކަމުން، މިވަގުތު ރަވީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަޒީރުކަމުން އިސްތިއުފާ ދެއްވުން ކަމަށްވެސް ސިރިސޭނާ ވިދާޅުވިކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ރަވީގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ ޖޮއިންޓް އޮޕޮޒިޝަން (ޖޭއޯ)ގެ ފަރާތުންނެވެ. ބައްތިރީސް މެމްބަރުންގެ ސޮއިއާ އެކު ހުށަހެޅި މި މައްސަލަ ވަނީ މަޖިލީހަށް ބަލައިގެންފައެވެ.