06 Aug 2017, 09:37
ވޮޝިންޓަން (އޮގަސްޓް 6): އެމެރިކާގެ މިނިސޯޓާގައި ހުރި މިސްކިތަކަށް މިއަދުގެ ފަތިހުގެ ވަގުތެއްގައި ބޮމުގެ ހަމަލާއެއް ދީފި އެވެ.
ދާރުލް ފާރޫގް އިސްލާމިކް ސެންޓަރަށް އެހަމަލާ ދިނީ ފަތިސް ނަމާދަށް މީހުން މިސްކިތަށް ދިޔަ ވަގުތު ކަމަށް އޮފިޝަލުން ބުންޏެވެ. އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް މިސްކިތަށް ގެއްލުންތަކެއް ލިބުނު ކަމަށް އެފްބީއައި އިން ބުންޏެވެ.
އެފްބީއައިގެ ސްޕެޝަލް އޭޖެންޓް ރިޗާޑް ތޯޓަން ވިދާޅުވި ގޮތުގައި މިސްކިތުގައި ގޮއްވާލާފައި ވަނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެކެވެ. އަދި އެފްބީއައި ދިން އެހަމަލާ އިތުރަށް ތަހުގީގުކޮށް ހަމަލާ ދިން ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ މިސްކިތަކަށް އެހަމަލާ ދީފައި ވަނީ އެގައުމުގައި މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް އިތުރުވެފައިވާ ކަަމަށް ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއާ) އިން ބުނެފައި ވަނިކޮށެވެ.
އެ ގްރޫޕުން ބުނި ގޮތުގައި މިދިޔަ އަހަރު މުސްލިމުންނާ ދެކޮޅަށް އެމެރިކާގައި 2،213 ހަމަލާއެއް ދީފައިވެ އެވެ. އެއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 57 ޕަސެންޓް އިތުރު އަދަދެކެވެ. އެހެންކަމުން އެމެރިކާގެ މިސްކިތްތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ކެއާއިން ވަނީ ގޮވާލައިފަ އެވެ. (އަލްޖަޒީރާ)