06 Aug 2017, 09:19
ފުލުހުންގެ މަސައްކަތަށް ރައްޔިތުން ވާގިވެރިވެ މަދަދުވެރިވުމަކީ އެންމެ މަންފާހުރި، އަދި އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނެއްގައި ރޭ ޒަޚަމްވި ފުލުސް މީހާގެ ދިފާއުގައި ސީޕީ ނެރުނު ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ދިފާއުގައި މަސްތުވާތަކެއްޗާއި މާރާމާރީ އަދި އެނޫން ވެސް ގާނޫނާ ޚިލާފު ހުރިހާ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަކީ ފުލުހުންގެ ގައުމީ ވާޖިބެއް ކަމަށެވެ. އޭގެ ސަބަބުން ރައްކާތެރިކަން ލިބެނީ ރައްޔިތުންނަށް ކަމަށާއި ފުލުހުންނަކީ ހަމަ އެރަައްޔިތުންގެ ދަރީން ކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ފުލުހުންނާއި ރައްޔިތުންނަކީ ވެސް ހަމަ އެއް އާއިލާއެއް ކަމަށެވެ.
މީގެ އިތުރުން ސީޕީގެ ބަޔާނުގައި އޭނާ ވިދާޅުވީ ފުލުހުންނަށް ހަމަލާ ދިނުމަކީ ތާރީޚެއް އޮތް ކަމެއް ކަމަށާއި އެކަން ފެށިގެން އައީ ސިޔާސީ ހަލަބޮލިކަން ފެށުނު ހިސާބުން ފެށިގެން ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ކ. ކާށިދޫގައި އަނިޔާވެރި ގޮތަކަށް މަރައިލި ފުލުސް މީހާގެ ވާހަކަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މިދުވަސްވަރަކީ އަނެއްކާ ވެސް ރާއްޖޭގައި މިފަދަ އޮއިވަރެއް ހިނގަމުންދާ ދުވަސްވަރެކެވެ. ރައްޔިތުންގެ ގެދޮރާއި މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށް ޓަކައި ފުލުހުން ރެއާ ދުވާލު ކުރާ ގާނޫނީ ބިޔަ ވާޖިބުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ބަދަލުގައި ސިޔާސީ މަގްސަދުތަކުގެ ބޭނުމުގައި ވަކި ވަކި ފުލުހުންނަށް އަމާޒުކޮށް އަނެއްކާ ވެސް މިދަނީ ނޭއްގާނީ ހަރަކާތްތައް ހިންގަމުންނެވެ،" ސީޕީގެ ބަޔާނުގައިވެ އެވެ.
ކުރީ ރޭ ޒަޚަމްކޮށްލި ޕޮލިސް ކޮންސްޓެބްލް އަލީ ރައްޒާނަށް ދިން ހަމަލާއާ ގުޅިގެން ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ ފަރުދަކު އެކަމާ މެދު ވިސްނައިލުން މުހިއްމު ކަމަށް އަރީފް ވިދާޅުވި އެވެ.
"އެހެނީ ކުށްކުރުން ހުއްޓުވުމުގެ ވާޖިބު އަދާކުރަން ދިއްކުރެވޭ އަތުގައި ކުށްވެރީންގެ އަތުން ހިފަހައްޓައި ހާނިއްކަ ކުރެވިގެން ނުވާނެ އެވެ. ގައުމުގެ ސަލާމަތް އޮތީ ފުލުހުންގެ ގުރުބާނީއާއި ޚިދުމަތަށް ފުރުސަތު ދިނުމުގަ އެވެ. މަރުޙަބާ ކިއުމުގައެވެ،" އަރީފްގެ ބަޔާނުގައި ވިދާޅުވި އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާއަކީ ހަލަބޮލި ހަފްތާއެއްކަން ސީޕީ ފާހަގަކުރެއްވި އެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކުގައި ދުނިޔެއާ ވަކިވެދިޔަ ފަރާތްތަކާއި އަނިޔާވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގު މަރުހަލާތަކާއިގެން ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެގޮތުން އެމައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ފުލުހުން، ފުލުހުންގެ ވާޖިބު އަދާ ކުރުމުގައި ފަސް ނުޖެހޭނެ ކަމަށާއި، ވަޖީބު އަދާ ކުރުމަށް އަޒުމާއި ހިތްވަރު އަބަދުވެސް ނެރޭނެ ކަމުގައި އަރީފް ވިދާޅުވި އެވެ.
"އެހެން ކަމުން ދިވެހި ކޮންމެ ރައްޔިތަކު ދިވެހި ކޮންމެ ފުލުހަކަށް ވާގިވެރިވެ މަދަދުވެރިވުމަކީ ޝައްކެއް ނެތް ގޮތުގައި އެންމެ މަސްލަހަތު ހުރި ގޮތެވެ. އެންމެ މަންފާހުރި ގޮތެވެ،" ސީޕީ އަރީފް ވިދާޅުވި އެވެ.