މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއްގައި ރޭ ދަންވަރު މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާ ކޯޓުން ދޫކޮށްލައި، ރޭގެ އޮޕަރޭޝަންގައި ފުލުހަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމައިފި އެވެ.

ރޭ ދަންވަރު 1:30 އެހާއިރު ފުލުހުން ހިންގި އޮޕަރޭޝަންގައި ޖުމްލަ ހަތަރު މީހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 51 އަހަރުގެ ފިރިހެނަކާއި 31 އަދި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖެކެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރު ކުރި ކުއްޖަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

މާފުށީގައި ރޭ ފުލުުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހަކަށް ވަޅިން ދިން ހަމަލާގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި މީހުންގެ މައުލޫމާތެއް ފުލުހުން އާއްމު ނުކުރި ނަމަވެސް، އެ ހާދިސާގެ ތަހުގީގަށް އެ މީހުން ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުންގެ ބުނީ، އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 18 އަހަރުން ފަށުގެ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކޯޓުން އެ ކުއްޖާ ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ތިން މީހުންގެ ތެރެއިން ފުލުސް މީހާއަށް ތޫނު އެއްޗަކުން ހަމަލާދިން ކ. މާލެ، ހ. ކުއްޅަވައްމާގެ އަޒުހަރު އިބްރާހިމް، 31 ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަދި އަނެއް ދެމީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާފުށީ އޮޕަރޭޝަންގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާން، 19 އެވެ. ހަމަލާގައި އޭނާގެ ކުރިމަތިން ވާއަތު ކޮނޑާ މެއާ ދޭތެރެއަށް ޒަހަމްވިއިރު، އޭނާއަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.