06 Aug 2017, 00:01
އަލީ އަޝްފާގު (ދަގަނޑޭ)ގެ މިއަހަރުގެ ފުރަތަމަ ފެނިލުމުގައި ކާމިޔާބުކުރި ލަނޑާއެކު ޓީސީ ސްޕޯޓްސް ކްލަބު އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ އަތުން ނިއު މޮޅުވެފައި ވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިއުއިންނެވެ. އެ ހާފުގައި ނުރައްކާތެރި ފުރަތަމަ ހަމަލާ ވެސް އުފެއްދީ ނިއުއިންނެވެ. ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާ ދިޔައީ ޓީސީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ވެސް ނިއުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ނިއުއަށް ލީޑު ހޯދުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ދަގަނޑޭ ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާ، ކީޕަރު ލިމްބޫ ކިރަން ކުމާރު ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު ގަލާޑޯ އުފާފާޅުކުރަނީ: މިރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ދަގަނޑޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ދަގަނޑޭ ފޮނުވާލި ހަމަލާ، ކީޕަރު ލިމްބޫ ކިރަން ކުމާރް ވަނީ މަތަކޮށްފައެވެ.
ނިއުއިން ވަނީ މެޗުގެ 47 ވަނަ މިނެޓުގައި ލީޑު ހޯދައިފައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގަލާޑޯ ވަލްޑޭސް އެޑްރިއަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާއެއް ޓީސީގެ ޑިފެންޑަރުން ދިފާއު ކުރުމާއެކު ލިބުނު ބޯޅައިންނެވެ.
ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކުރުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ: މިރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނިއުއިން ލީޑު ހޯދިތާ މިނެޓެއް ފަހުން ޓީސީން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ނިއުއަށް އަލުން ލީޑު ހޯދައިދިނީ ދަގަނޑޭއެވެ. ދަގަނޑޭ އެ ލަނޑު ކާމިޔާބުކުރީ އޭނާއަށް ޓީސީގެ ބިދޭސީ ޑިފެންޑަރު އީސާ އަލްމަގްރަބީ ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމުންނެވެ. ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޓީސީ ގޯލުގެ މަތީ ކަނަށެވެ. އެއީ ތިންވަނަ ފަހަރަށް ނިއުއާ ގުޅުމަށްފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 80 ވަނަ މިނެޓުގައި ނިއުއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އޭގެ ތިން މިނެޓް ފަހުން ދަގަނޑޭއަށް އޭނާގެ ދެވަނަ ލަނޑު ޖެހުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ގަލާޑޯ ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އެ ހަމަލާއަށްފަހު ދަގަނޑޭ ވަނީ ބަދަލުކޮށްފައެވެ.
ލީގުގައި މާދަމާ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ށ. މިލަންދޫ ބައްދަލުކުރާއިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދު އާއި އއ. މާޅޮހެވެ.